މިިދިޔަ ހަފުތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރަކަށް އެރުވި ދޮޅުލައްކަ ރުފިޔާގެ މުދަލާ އެއްކޮށް ޑްރައިވަރަކު ފިލި ކަމަށް ތުހުމަތު ކުރުމަށްފަހު ކަން ހިނގީ އެހެން ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މުދާތަކެއް އެރުވި ޓެކްސީއެއް ފިލުމުން ސީސީޓީވީ ފުޓޭޖު ބަލައިގެން އެމީހާ ހޯދާ ވެރިފަރާތާ މުދާ ހަވާލު ކުރި ކަމަށް ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ހަފުތާއެއް ފަހުން އަދި ފުލުހުންގެ ވާހަކަ ޓެކްސީ ޑްރައިވަރު ދޮގު ކުރި ފަހުން، މިއަދު ބުނީ ޑްރައިވަރު ނުފިލާ ކަމަށާއި ވެރިފަރާތާ މުދާ ހަވާލު ކުރީ އެނާ ކަމަށެވެ.
"ފުލުހުން އެ ޓެކްސީ ހޯދުމަށް މަސައްކަތްކުރަމުން ދިޔައިރު، ވެރިފަރާތާ ތަކެތި ހަވާލުކުރުމަށް، ޓެކްސީ ދުއްވި ފަރާތުން ވެސް މަސައްކަތްކޮށްފައިވާކަން މިހާތަނަށް އެނގިފައިވޭ. އަދި މިކަން ހިނގާފައިވަނީ ކާރަށް މުދާ އެރުވުމަށްފަހު ދެ ފަރާތުން ކުރަންޖެހޭ މުއާމަލާތް ރަނގަޅަށް ނުކުރެވި އޮތުމުން ކަމަށް ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" މި ނޫހަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
މި ނޫހާ ވާހަކަ ދައްކަމުން ޓެކްސީ ޑްރައިވަރު އާދީއްތަ ދުވަހު ބުނީ މުދާ ހަވާލު ކުރި މީހާއާ ފަހުން ގުޅޭ ގޮތް ނުވެގެން ތަކެތި ވަގުތުން ހަވާލު ނުކުރެވުނީ ކަމަށާއި ފަހުން ފުލުހުންގެ ހާޒިރުގައި މުދާ ވެރި ފަރާތާ އޭނާ ހަވާލު ކުރި ކަމަށެވެ.

"ފޮށިގަނޑުތައް ހަވާލުނުކުރެވިގެން އެ ދުވަހުގެ ދަތުރު ވެސް ހުއްޓިފައި ހުއްޓައި ޓެކްސީ ދުއްވަން އުޅޭ ރަހުމަތްްތެރި ފުލުހެއް ބުނީ އޭގެ ވެރިފަރާތުން މާފަންނު ޕޮލިހަށް ގޮސް އިންކަމަށް. ދެން ހަމަ ވަގުތުން ދިޔަ އިރު އިން އެއާޕޯޓުން ފޮށިގަނޑު ހަވާކުރި މީހާ. އެތަނުން އޭނާއާ ފޮށިގަނޑުތައް ހަވާލުކޮށްފައި ބުނިންް އެއްޗެއް މަދު ވާނަމަ ޒިންމާވާނަމޭ ވެސް ފުލުހުން ތިއްބާ," އޭނާ ބުންޏެވެ.












