މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް 10.14 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ޕާކިސްތާނު މީހާ ރާއްޖެ އަންނަން ބުކިން ހެދީ އޭނާގެ އަމިއްލަ ނަމަކު ނޫން ކަން ބަންދަށް މުއްދަތު ޖެހި ކޯޓު އަމުރުން އެނގިއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރި ޕާކިސްތާނު މީހާގެ ނަމަކީ ހަމްޒާ ނައީމެވެ. އެއީ 25 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ދީފައި ވަނީ 15 ދުވަހުގެ މުއްދަތެކެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޕާކިސްތާނު މީހާ ރާއްޖެ އަންނަން ބުކިން ހެދީ އެހެން މީހެއްގެ ނަމުގައި ކަމަށް ޝަރީއަތަށް ހާޒިރުވި ޕޮލިސް އިންޓެލް އޮފިސަރު ވަނީ ބުނެފަ އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވެ އެވެ.
ޕާކިސްތާނަކީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ އެއް ގައުމެވެ. އެ ގައުމުން ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިފަހުން ވެސް އަތުލައިގަތެވެ.

މެއި 31، ގައި އެ ގައުމުން ރާއްޖެއަށް އައި ހަތަރު މީހުންގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ގެނައި 227 ބުލެޓުގެ މަސްތުވާތަކެތި އޭގެ ތެރޭގައި ހިމެނެ އެވެ. އެމީހުން މަސްތުވާތަކެތި އެތެރެކުރީ ދިރުވާލައިގެންނެވެ.
އެޕްރީލް 14، ގައި ވެސް ޕާކިސްތާނުން ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އަދި, މީގެ ކުރިން ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ބަޔަކުވެސް ވަނީ އަތުލައިގަނެފަ އެވެ.













