މާލެ ސަރަހައްދުގެ މޫސުން ގޯސްވެ ވައި ގަދަވެފައިވާތީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ސޯޝަލަ މީޑިއާގައި ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށި މި ދުވަސްވަރު ގަދަވައި ޖެހެމުންދާތީ ހައިވޭ އަދި ބުރިޖު މަތިން ދުއްވާ ފަރާތްތަކުގެ ސަލާމަތަށް އިތުރު ސަމާލުކަންދޭން ޖެހޭ ކަމަށެެވެ.
ފުލުހުން ދިން އިރުޝާދުތަކަކީ:
- ބުރުގާ އަޅާ ފަރާތްތަކުން ވަޔާއި އެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުން
- ވިއްސާރަ ކޯޓު ބޭނުންކުރާ ފަރާތްތަކުން ވަޔާއި އެކު ހަލާކުވެގެންގޮސް އެހެންމީހުންގެ މޫނުމަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުން
- ވައިގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުން
ފުލުހުން އެ އިރުޝާދު ދީފައި ވާއިރު މި ފަހުން މަގުމަތީގެ ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވެ އެވެ. އެގޮތުން އެކި އެކްސިޑެންޓު ތަކުގައި މީހުންގެ ފުރާނަވެސް ވަނީ ގެއްލިފަ އެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސް
ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިފައިވާއިރު ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އެގޮތުން ރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.













