ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ނަމުގާ ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.
މި ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ޑރ. މުހައްމަދު އާތިފް އެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް ފަހު ނޫސްތަކާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީއަށް ތިން ހާސް މެންބަރުންް ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށެވެ.
ޕާޓީގެ ރަޖިސްޓްރޭޝަން ޕްރޮސެސް ދިގުލައިގެން ދިޔަނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް ޑރ. އާތިފްް ވަނީ އިއުލާނުކުރައްވާފަ އެވެ.
"ފަހަރެއްގަ އަޅުގަނޑުމެންނަށް ރަޖިސްޓްރޭޝަން ޕްރޮސެސް ނުނިމިދާނެ އެމުއްދަތުގެ ތެރޭގައި. އެކަމަކު ވެސް ހަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލާނަން" އާތިފް ވިދާޅުވި އެވެ.
މި ޕާޓީގެ އިސް ސަފުން މިހާރު ރާއްޖޭގެ އެއްވެސް ފުންނާބު އުސް ސިޔާސީ މީހަކު ނުފެންނާނެ ކަމަށާއި، މިއީ ތައުލީމީ ބަޔަކު އިސްވެ އުފައްދާ ޕާޓީއެއް ކަމަށްް ޑރ. އާތިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެރޭގަ މިތިބީ ސިޔާސީ ގޮތުން ހަމަ ދުރުކޮށް ތިބި ބައެއް، ތައުލީމީ ބައެއް. އަޅުގަނޑުމެން މީ ގައުމަށް ބަދަލުގެންނަން ބޭނުންވާ ބައެއް. އާ ލީޑާޝިޕެއް މިއީ އިނގޭތޯ" އާތިފް ވިދާޅުވި އެވެ.
ޑރ. އާތިފް އަކީ ބަންގްލަދޭޝްގައި 2017 ވަނަ އަހަރުގެ ތެރޭގައި މަރުވި ރައުދާ އާތިފްގެ ބައްޕަ އެވެ.
އަލަށް ޕާޓީއެއް އުފައްދަން ހުށަހެޅި އިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ހޯދުމަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މިހާރު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަ ސިޔާސީ ޕާޓީ އޮވެ އެވެ.











