ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހަ ސައިކަލާއި ބައިސްކަލަކަށް ގެއްލުންވެއްޖެ އެވެ.
ފުލުހުން ބުނީ, ރޭ ހުޅުމާލޭގައި އެކްސިޑެންޓު ހިނގީ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއް, އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ 8:52 ހާއިރު ކަމަށް ދުލުހުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު, ހަ ސައިކަލާއި ބައިސްކަލަކަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވާފައިވާ އުޅަނދުތައް ކޮންޓްރޯލް ނުކުރެވި ގޮސް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ޖެހި މީގެ ކުރިން ވެސް ވަނީ އެކްސިޑެންޓުތައް ހިނގާފަ އެވެ. އަދި, އެ އެކްސިޑެންޓުތަކުގައި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުމާއި, މީހުން މަރުވުން ފަދަ ކަންކަން ވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެ އެވެ.












