ހުޅުމާލޭގެ މަގުބައްތި ތަކަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ކޮނެގެން ކަރަންޓް ކޭބަލް ވަގަށް ނެގުން ކަމަށް އާބަންކޯ އިން ބުނެފި އެވެ.
ވަޅުލާފައި އޮތް ކަރަންޓް ކޭބަލެއް ކޮނެގެން ބުރިކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓެއްގައި އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު ވިދާޅުވީ ކަރަންޓް ކޭބަލް ވަގަށް ނެގުން ހުއްޓުވަން އާބަންކޯ އިން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯދައި ދިނުމުގައި އަރބަންކޯގެ ޓީމު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.
ލޮޔަކީ އަގުބޮޑުކޮށް ވިއްކޭ މައުދަނަކަށް ވާތީ ކަރަންޓް ކޭބަލް ވަގަށް ނެގުމަކީ ބައެއް ގައުމުތަކުގައި އާއްމު މައްސަލަ އެކެވެ. އެކަމަކު ކަރަންޓް ދީފައި ހުއްޓައި އެގޮތަށް ކޭބަލްތަައް ވަގަށް ނެގުމަކީ ރާއްޖޭގައި ކުރިން އެހާ އާއްމު ކަމެއް ނޫނެވެ.













