ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރަން އުޅުނު 10.14 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ އެ ތަކެތި ފެނިފައި ވަނީ، މިއަދު ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ. އެ އިދާރާއިން ބުނި ގޮތުގައި ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެއަށް އައި އުމުރުން 25 އަހަރުގެ ޕާކިސްތާނު މީހާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުމުގެ ތެރޭގައި ފެނުނު ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.
ކަސްޓަމްސް އިން ވަނީ އެމީހާ އާއި، މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ޕާކިސްތާނަކީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ އެއް ގައުމެވެ. އެ ގައުމުން ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިފަހުން ވެސް އަތުލައިގަތެވެ.

މިދިޔަ މަހުގެ 31 ގައި އެގައުމުން ރާއްޖެއަށް އައި ހަތަރު މީހުންގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ގެނައި 227 ބުލެޓުގެ މަސްތުވާތަކެތި އޭގެ ތެރޭގައި ހިމެނެ އެވެ. އެމީހުން މަސްތުވާތަކެތި އެތެރެކުރީ ދިރުވާލައިގެންނެވެ.
އެޕްރީލް 14 ގައިވެސް ޕާކިސްތާނުން ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އަދި, މީގެ ކުރިން ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ބަޔަކުވެސް ވަނީ އަތުލައިގަނެފަ އެވެ.













