މަޖީދީމަގުގައި ހުންނަ މާލެ ގްރޭންޑު ފްލެޓުތައް ކައިރީގައި މާރާމާރީ ހިންގަން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށް ދެ ސައިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ދެ ރޭ 11:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރި ގްރޫޕެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅެނިކޮށް ފުލުހުންގެ ހައި ވިޒިބިލިޓީ ޑިޕާޓްމެންޓުން ހުއްޓުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ފުލުހުން މާރާމާރީ ހުއްޓުވަން އުޅުމުން ބައެއް މީހުން އެ ސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެތަނުން ދެ މީހަކު ފިލާފައިވަނީ އެމީހުން ދުއްވި ސައިކަލް އެތަނަށް ދޫކޮށްލާފައި، އެ ދެ ސައިކަލު ވަނީ ޓޯ ކޮށްފައި، އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން," މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

މި އަހަރު މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގާފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެކަން އިއުލާންކުރައްވާފަ އެވެ.












