ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ މަހުގެ 31 ގައި އަތުލައިގަތް ޕާކިސްތާނުގެ ހަތަރު މީހުންގެ ހަށިގަނޑުން ޖުމްލަ 227 ބުލެޓުގެ މަސްތުވާތަކެތި ހޯދައިފި އެވެ.
މި ހަތަރު މީހުން އަތުލައިގެންފައިވަނީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. އެގޮތުން, ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތުގައި އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ހެދިއިރު ހަށިގަނޑު ތެރޭގައި ފޮރުވާފައި ހުރި އެއްޗެހިތަކެއް ހުރިކަން އެނގިފައި ވެއެވެ.
އެއަށްފަހު ދޫނިދޫ މެޑިކަލް ކްލިނިކަށް ގެންގޮސް ފުލުހުން ވަނީ އެމީހުން ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން ޖުމްލަ ބަރުދަނުގައި 2.9 ކިލޯގެ 227 ބުލެޓު މަސްތުވާތަކެތި ހޯދާފަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އަންހެނެކެވެ.
ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ހުސްކޮށް ކްލިނިކުން ދޫކޮށްލުމަށްފަހު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ކޯޓު އަމުރުގައި ވާގޮތުން މި ހަތަރު މީހުންވެސް ވަނީ ކުށަށް އިއުތިރާފު ވެފަ އެވެ. ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ މި މީހުން ހިންގާފައިވަނީ ޖަމާއަތް ހަދައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ޓްރެފިކް ކުރުމުގެ އަމަލެއް ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މީގެ ކުރިންވެސް ޕާކިސްތާނުގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން, އެޕްރީލް 14 ގައިވެސް ޕާކިސްތާނުން ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އަދި, މީގެ ކުރިން ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ބަޔަކުވެސް ވަނީ އަތުލައިގަނެފަ އެވެ.














