ފޯޅަވައްސާ ދިމާލުން ރާއްޖޭގެ އިން ކަނޑައެޅި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ގާނޫނާ ހިލާފު އަމަލު ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރަން ފުލުހުން އިންޒާރު ދީފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރޭގެ ޖަލްސާއަސް އެހެން ރަށްރަށުން ވެސް މާލެއަށް އަންނަ ކަމަށާއި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ރާވަމުންދާ ކަމަށެވެ.
"ބައެއް ފަރާތްތަކިން ގާނޫނާ ހިލާފު އަމަލު ހިންގުމަށް ރާވަމުންދާކަމާއި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލު ހިންގާނެ ކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު މި ހިދުމަތަށް ވަނީ ލިބިފަ،" އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް އަމަލެއް ނުހިންގަން އެ ހިދުމަތުން އިލްތިމާސް ކުރާ ކަމަށެވެ.
"އެހެންކަމުން މި ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތް ކަމަށް ކަނޑައެޅުމުން އެ ގައުމުން ދާދި ފަހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އިދިކޮޅުން ބުނަނީ ކަނޑު ބެހި ގޮތުން ދިވެހިންނަށް ކަނޑުން ހައްގުވާ ބައެއް ގެއްލިއްޖެ ކަމަށެވެ. ގާނޫނުތައް ބުނާ ގޮތުން ދެ ގައުމެއްގެ ސަރަހައްދު ފުށު އަރައިފި ނަމަ ދެން ޖެހޭނީ ކަނޑައެޅިފައި އޮންނަ އުސޫލަކުން ބަހާށެވެ. އިދިކޮޅުން ބުނަނީ ބެހިއިރު ސަރުކާރުން މަސައްކަތް ކުރީ ގައުމަށް ގެއްލުންވާނެ ގޮތަށް ކަމަށެވެ.
އެކަމަކު އެ މައްސަލައިގައި ސަރުކާރުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ބޮޑުވީ ކަމަށެވެ. ސަރުކާރުން ބުނަނީ ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑަނާޅައި އޮތުމުން ހަގީގަތުގައި ރާއްޖެއަށް މީގެ ކުރިން ލިބެނީ އަދި ބޭނުން ކުރެވުނީ ވެސް ކުޑަ ތަންކޮޅެކެވެ. ނަމަވެސް ކޯޓުގެ ނިންމުމާއެކު ލިޔެވި، ކަނޑައެޅިފައިވާ ޗާޓަކުން ރާއްޖެއަށް ކަނޑުން ބައެއް މިލްކުވީ ކަމަށް ސަރުކާރުން ދެކެ އެވެ.
އެ މައްސަލައިގައި ސަރުކާރުން ނިންމި ގޮތާ ދެކޮޅު ހެދުމަށް މިރޭ އިދިކޮޅުން ޖަލްސާ ބާއްވާއިރު ރައީސް ނަޝީދު ވަނީ އެ މައުލޫގައި މިއަދު ވާހަކަ ދައްކަވައިފަ އެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްއިން ވެސް ވަނީ މިރޭގެ ޖަލްސާއަށް ތާއީދުކޮށްފަ އެވެ.












