އައްޑޫ ސިޓީގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި އޭނާގެ ކޮއްކޮ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ވަޅީގެ ހަމަލާގައި މަރުވެފައި ވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ، އަހުމަދު ޝުވައިބު (27 އ) އެވެ. ކަތުރަކުން އޭނަގެ ކަރަށް ހަަމަލާދީ މަރާލި ކަމުގެ ތުހުމަތު ކުރަނީ ޝުވައިބުގެ ކޮއްކޮ ހުސައިން މަވާޒް (25 އ) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ މިއަދު މެންދުރުފަހު ވަގުތެއްގައި މަވާޒު ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވެ ވަނީ ހަވާލުވެފަ އެވެ.
ފުލުހަށް އޭނާ ހާޒިރުވެފައިވަނީ ހައްޔަރުކުރަން ވެގެން ކޯޓު އަމުރެއް ފުލުހުން ހޯދާފައިވަނިކޮށް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޝުވައިބަށް ހަމަލާ ދިނީ ރޭ 11:30 ހާއިރެވެ. އޭނާ ޒަަހަމްވެގެން ހޮސްޕިޓަލަށް ގެންދިޔައިރު 12 ޖަހާފައިވާ ކަމަށް ހޮސްޕިޓަލުން ވެސް މައުލޫމާތު ދެ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ފަތިހު ހަތަރެއް ޖަހާކަށް ހާއިރެވެ.

މަރުވި ޒުވާނާ ޒަހަމްތަކާއެކު އޮއްވާ ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެއިން ފެންނަ ގޮތުގައި އޭނާ އޮތީ މަގެއްގެ ޕޭވްމަންޓު މަތީގަ އެވެ. އެ ހިސާބުގަނޑުގައި ގިނަ އަދަދެއްގެ ލޭ ހުރި މަންޒަރު ފެނެ އެވެ. އަދި ބައެއް މީހުން އެތަނުގައި ރޯ އަޑު ވެސް ވީޑިއޯއަށް އަރާފައިވެ އެވެ.












