އައްޑޫ ސިޓީގައި ރޭ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި އެވެ.
އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ވަޅީގެ ހަމަލާގައި މަރުވެފައި ވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ، ޝުވައިބު އެވެ.
މިއަދު ހެނދުނު މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ މަރުވީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާއަށް ހަމަލާދިނީ މަރަދޫފޭދޫ އަވަށު ގެއެއްގެ ތެރޭގައި ހުއްޓާ ކަމަށެވެ.
އޭނާއަށް ހަމަލާދިނީ ރޭ 11:38 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މަރާލި މީހާއަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިންގީ އެއްބަނޑު އެއްބަފާ ދެ ބެއިންނެވެ. މާރާމާރީއަށް ފަހު، ވަޅިން ހަމަލާ ދިން މީހާ އުޅެނީ ފިލައިގެންނެވެ.

މަރުވި ޒުވާނާ ޒަހަމްތަކާއެކު އޮއްވާ ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެއިން ފެންނަ ގޮތުގައި އޭނާ އޮތީ މަގެއްގެ ޕޭވްމަންޓު މަތީގަ އެވެ. އެ ހިސާބުގަނޑުގައި ގިނަ އަދަދެއްގެ ލޭ ހުރި މަންޒަރު ފެނެ އެވެ. އަދި ބައެއް މީހުން އެތަނުގައި ރޯ އަޑު ވެސް ވީޑިއޯއަށް އަރާފައިވެ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
titledesc













