ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުތި ޕާކިސްތާނު ބަޔަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ އަދި ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޕާކިސްތާނަށް ނިސްބަސްވާ ތިން ފިރިހެނުންނާއި, އަންހެނެކެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. އެގޮތުން, ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތުގައި އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ހެދިއިރު ހަށިގަނޑު ތެރޭގައި ފޮރުވާފައި ހުރި އެއްޗެހިތަކެއް ހުރިކަން އެނގިފައި ވެއެވެ.
މި ހަތަރު މީހުން ވެސް މިވަގުތު ތިބީ ދޫނިދޫ މެޑިކަލް ކްލިނިކުގަ އެވެ. ބެލެވޭ ގޮތުގައި އެއީ ހަށިގަނޑު ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ބޭރު ކުރުމަށްޓަކަ އެވެ.
އެ ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައި ނެރުނު ކޯޓު އަމުރުގައި ވަނީ, އެމީހުން ދޫނިދޫ މެޑިކަލް ކްލިނިކުން ދޫކޮށްލާތާ 24 ގަޑިއިރު ތެރޭ އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމަށް އަންގާފަ އެވެ.













