މެރުއާނާ ގަހެއް ފެނިގެން ފުލުހުން ހައްޔަރު ކުރި މީހާ، ނަފްސާނީ މައްސަލަތަކެއް ހުންނާތީ ނުކުޅެދިފައިވާ ކަމަށް ބުނެ އެކަން ސާބިތުކުރަން ބަލަންޖެހޭ ކަންކަން ބެލުމަށް އެދެފި އެވެ.
ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު، 29 ހައްޔަރު ކުރީ، އޭނާ ދިރިއުޅޭ ގެއިން ކެނަބިސް ގަހެއް ފެނުނު މައްސަލައެއްގަ އެވެ. މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށް ތަހުގީގަށް ބަންދު ކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން މި ހިނގާ މެއި 14، ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެެ.
އެ 15 ދުވަހުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީ އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، ޔާސިހު ވަނީ، ދައުވާ ލިބިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނަފްސާނީ މައްސަލައެއްގެ ސަބަބުން ނުކުޅެދުންތެރިވެފައިވާ ކަމުގެ ދިފާއު ނަގައިފަ އެވެ. އެހެންވެ، އޭނާގެ ފަރާތުން އެދުނީ އެސެސްމެންޓެއް ހެދުމުގެ ފުރުސަތަކަށެވެ.
ދިފާއީ ވަކީލު ކޯޓުގައި ވިދާޅުވީ، ޔާސިހު ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން ވެސް އުޅުނު ކަަމަށެވެ. އޭނާއާ ބައްދަލުވެ ދެކެވުނު ވާހަކަތަކުން ވެސް ނަފްސާނީ މައްސަލަތަކެއް ހުންނަކަން ފާހަގަވި ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. އޭނާގެ އާއިލާގެ ފަރާތުން ވެސް އެފަދަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށާއި އެކަމަކު ކުރީގެ ލިޔުންތައް އަދި ލިބިފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
އެކަމަކު، ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރު ވިދާޅުވީ، ގޮޅީގައި އޮއްވާ އޭނާގެ ފަރާތުން އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ނުރައްކާ ވެދާނެ ފަދަ ކަންތައްތަކެއް ފާހަގަކުރެވިގެން އޭނާ އެކަހެރި ކުރިޔަސް، އޭނާއާ ކުރެވޭ މުއާމަލާތްތަކުން ނަފްސާނީ މައްސަލައެއް ހުންނަކަން ފާހަގަނުކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ، ޔާސިހުގެ އެގްޒަމިނޭޝަނެއް ހަދަން ބޭނުންވާތީ އެކަން ކުރިއަށްގެންދިޔުމަށް ފުރުސަތު ދިނުމަށެވެ. އަދި އެކަމުގައި އޭނާއަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ އެންގެވި އެވެ.
ނުކުޅެދުންތެރިވުމުގެ ދިފާއު ނެގުމުގެ އިތުރުން، ޔާސިހު ވަނީ އޭނާގެ ގެ ބަލައިފާސްކުރީ ފުލުުހުން އޭނާއަށް މަޖުބޫރުކޮށްގެން ކަމަށް ވެސް ބުނެފަ އެވެ. އެގޮތުން އޭނާގެ ވަކީލު ވިދާޅުވީ، ބަލައިފާސްކުރުމަށް ހުއްދަ ދިން ލިޔުމުގައި ސޮއިކުރުވީ، ފުލުހުން އޭނާ ގޭތެރެއަށް ވެއްދުމަށްފަހު ގަދަބާރުން ކަމަށެވެ.
އެކަމަކު، އެންމެ ފުރަތަމަ އޭނާ ބަންދު ކުރަން ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި، ފުލުހުންގެ ބަޔާނުގައި ވަނީ މާލޭގެ ގެއެއްގެ ދޮރު ކައިރި ބިންމަތިން މެރުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން ފުލުހުން އެތަނުގައި ތިއްބާ ޔާސިހު އެތަނަށް އައިސް، އެއީ އޭނާގެ ގަހެއް ކަމަށާއި ގޭގެ ބެލްކަނީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ބަޔާނުގައިވާ ގޮތުން ފުލުހުން އޭނާ ހައްޔަރު ކުރީ، އޭނާ ދިރިއުޅޭތަން ބަލައިފާސްކުރުމަށް އެއްބާރުލުންދޭނެތޯ އެހުމުން އެއްބާރުލުން ދޭނެ ކަމަށް އެއްބަސްވެ، ބަލައިފާސްކުރާ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހި ފަހުންނެވެ.
އެކަމަކު، ބަލައިފާސްކުރަން ހުއްދަ ނުދޭ ކަމަށް ޔާސިހު ބުނެފައިވާ ކަމަށް ކުރިން ނެރުނު އަމުރުގައި ވެސް ވެ އެވެ. އަދި އޭނާއަށް އަނިޔާ ކުރި ކަމަށާއި ބަލައިފާސްކުރި އިރު ތަކެއްޗަށް ގެއްލުންދިން ކަމަށް ވެސް ޔާސިހު ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ޔާސިހުގެ ކޮޓަރިން ވަނީ ޑްރަގް ޓެރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނިފަ އެވެ. އަދި ޑްރަގް ބަންދު ކުރަން ބޭނުންވާ ޒާތުގެ އެއްޗެހި ވެސް ފެނިފައިވާ ކަމަށް ވެ އެވެ.
ކެނަބިސް ޓްރެފިކް ކުރި ކަމަށް ބަލާނީ މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ފެނިއްޖެ ނަމަ އެވެ. އެ ކުށަށް އޮންނަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ.އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.












