އަންނަ ސެޕްޓެމްބަރު 9، ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަން ކޮމިޝަނުން 15 ގައުމަކަށް ދައުވަތު ދީފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް 15 ގައުމެއްގެ އިންތިހާބީ އިދާރާއަށް ފާއިތުވި ހަފްތާގެ ތެރޭގައި ދައުވަތު ފޮނުވާފައި ވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދިން ގައުމުތައް
- ޖޯޖިއާ - ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ
- ފިލިޕީންސް - އިލެކްޝަން ކޮމިޝަން އޮފް ފިލިޕީންސް
- އިންޑޮނޭޝިއާ - ޖެނެރަލް އިލެކްޝަން ކޮމިޝަންް އޮފް އިންޑޮނޭޝިއާ
- ތައިލެންޑް - އިލެކްޝަން ކޮމިޝަން އޮފް ތައިލެންޑް
- ސައުތު ކޮރެއާ - ނޭޝަނަލް އިލެކްޝަން ކޮމިޝަން އޮފް ދި ރިޕަބްލިކް އޮފް ކޮރެއާ
- ސައުތު އެފްރިކާ - އިލެކްޝަންް ކޮމިޝަން އޮފް ސައުތު އެފްރިކާ
- ކިރްގިސްތާން - ސެންޓްރަލް ކޮމިޝަން އޮފް އިލެކްޝަން އެންޑް ރިފެރެންޑާ އޮފް ކިރްގީޒް ރިޕަބްލިކް
- ހަންޑްރަސް - ކޮންސީޖޯ ނޭޝަނަލް އިލެކްޓޯރަލް (ސީއެންއީ)
- ސްރީ ލަންކާ - އިލެކްޝަން ކޮމިޝަން އޮފް ސްރީ ލަންކާ
- ބޮސްނިއާ އެންޑް ހާޒެގޯވިނާ - ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބޮސްނިއާ އެންޑް ހާޒެގޯވިނާ
- އޮސްޓްރޭލިއާ - އޮސްޓްރޭލިއަން އިލެކްްޓޯރަލް ކޮމިޝަން
- ޖޯޑަން - އިންޑިޕެންޑެންޓު އިލެކްޝަން ކޮމިޝަން
- ކެނެޑާ - ކެނެޑާ އިލެކްޝަންސް
- ޖަޕާން - ސެކްރެޓްރިއޭޓް ޓު އިލެކްޝަން އެޑްމިނިސްޓްރޭޝަން ކޮމިޝަން އޮފް ޖަޕާން
- ނޭޕާލް - އިލެކްޝަން ކޮމިޝަން އޮފް ނޭޕާލް
ގިނަ ގައުމުތަކަކަށް ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދިން އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ބޭރުގެ އަށް ގައުމެއްގައި 600 އަށްްވުރެ ގިނަ ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކޮށްފައިވެ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި އިންތިހާބުގައި ބެހެއްޓީ 472 ވޯޓު ފޮއްޓެވެ.
ކުރިން ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުނަށް ވުރެ ކަމަށް ވިޔަސް، މި ފަހަރު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދު 800 އަށް ދަށް ކުރާން ވަނީ ނިންމައިފަ އެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއް ނަމަ 150 މީހުން ރަޖިސްޓްރީކޮށްފި ނަމަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވެ އެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރާއިރު، ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.













