އެޕްރީލް 7, ގައި ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރާއި ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާމަކުރެއްވި ގޮތުގައި އެ މައްސަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.
"މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ," ހަމީދު ހާމަކުރައްވާފައިވެ އެވެ.
އެގޮތުން, މިއީ ފުލުހުންގެ ހާއްސަ ޓީމަކުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ,
"މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރަން.," އޭނާ ވިދާޅުވި އެވެ.

ނައީމާގެ މަރަށް 50 ދުވަސް މާދަމާ ފުރޭއިރު މިއީ އެ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.
ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.












