މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކާ، މާރާމާރީ ހިންގާ, މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަން އިއުލާންކުރި އިބްރާހިމް ސަމީންއަށް ޖިންސީ ގޯނާގެ ތުހުމަތު ވެސް ކުރެވޭކަން އޭނާގެ ބަންދު އަމުރުން އެނގިއްޖެ އެވެ.
މި މަހުގެ ދެ ވަނަ ދުވަހު ގްރޫޕަކުން ތޫނު އެއްޗެއް ހިފައިގެން ގެއަކަށް ވަދެ ބިރު ދެއްކި މައްސަލައިގައި ރ. މަޑުއްވަރީ, ދެތަނޑިމާގެ, ސަމީން ހޯދަން ފުލުހުން އިއުލާނު ކުރުމުން އޭނާ ވަނީ އަންގާރަ ދުވަހުގެ ރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ތަހުގީގަށް، ސަމީން، (34އ.) ބަންދު ކުރަން އިއްޔެ ފުލުހުން އޭނާ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ. އެއީ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.
އޭނާ ބަންދު ކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި، ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕު ހަދައިގެން މާރާމާރީ ހިންގުން، ބިރު ދެއްކުން، މުދަލަށް ގެއްލުންދިނުން އަދި ޖިންސީގޯނާ ކުރުމެވެ.
ކުށުގެ ރެކޯޑެއް ވެސް އޮތް ސަމީންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން ސަމީން ހޯދަން އިއުލާނު ކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށެވެ. މި މައްސަލާގައި ސަމީންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް ނުވަތަ ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.













