ފ. ފިލިތެޔޮ ކައިރިން ކަނޑުން މަސްތުވާތަކެތި ފެނުމުން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަން ފެށި އޮޕަރޭޝަން ހަތް ދުވަހަށްފަހު މިއަދު ނިންމާލިއިރު ފެނުނީ 45 ކިލޯގެ މަސްތުވާތަކެތި ކަމަށް ބުނެފި އެވެ.
ފިލިތެޔޮ ކައިރިން މޫދަށް މަސްތުވާތަކެތި ފައްތާފައި ހުއްޓާ އެ ހިސާބުގެ މަސް ދޯންޏަކަށް ފެނުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ދުވަހު ފެށި އޮޕަރޭޝަން މިއަދު ނިންމާލިއިރު އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
ފުލުހުން ހޯދި މަސްތުވާތަކެތީގައި ހުރި ބަރުދަނުގެ ބާވަތުގެ އިތުރުން ފެނުނު ތަކެއްޗާ ގުޅޭ އެހެން މައުލޫމާތެއް މިއަދު މީޑިއާތަކަށް ހިއްސާ ކުރި މެސެޖުގައި އެ އިދާރާއިން ހިމަނާފައެއްނުވެ އެވެ. ކަނޑަށް ފައްތާފައި ހުއްޓާ ފެނުނީ ހެރޮއިން ކަމަށް ފުލުހުން ބުންޏެވެ.
ހެރޮއިންއަށް ދިވެހިން ކިޔާ މަގުމަތީ ނަމަކީ ހަކުރެވެ. ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން 80 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ޖަލަށްލާފައި މީހުން ކަމަށްވާއިރު އޭގެ ތެރެއިން ގިނަ މީހުން ބޭނުން ކުރަނީ ހެރޮއިންނެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 11،000 އަށްވުރެ ގިނަ މީހުން ފުލުހުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އަދަދު 700 އަށް ވުރެ ގިނަ އެވެ.












