މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކާ، މާރާމާރީ ހިންގާ, މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަން އިއުލާންކުރި ރ. މަޑުއްވަރީ, ދެތަނޑިމާގެ, އިބްރާހިމް ސަމީން (34އ) ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ, އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދި ނަމާއި ފޮޓޯ އާންމު ކުރި ފަހުން, އޭނާ އަމިއްލައަށް ފުލުހަށް ގޮސް ހަވާލުވުމުންނެވެ.
އޭނާ ހޯދަން އިއުލާން ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އާންމު ގޮތެއްގައި މިފަދަ މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެ ވަނަވަރު އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދެނީ އެ އިދާރާއިން ކުރާ މަސައްކަތުން އެ މީހަކު ނުހޯދުމުންނެވެ.
އޭނާ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ސަމީން ހައްޔަރުކުރީ މެއި ދޭއްގައި ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެންނެވެ.














