ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނު މައްސަލައިގައި ހޯދަމުން ދިޔަ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
މި މައްސަލާގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" ނޫހަށް ވިދާޅުވީ މިއަދު ހެނދުނު ގައްބަރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށެވެ.
ޒަރީރަށް ހަމަލާ ދިނީ މެއި 1 ވަނަ ދުވަހު މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ. އޭގެ ފަހުން އެ މައްސަލައިގައި ހިމެނޭ ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ކުރިން ކުރި އިއުލާނެއްގައި ހަމައެކަނި ބުނެފައި ވަނީ ގައްބަރޭ، 32، ހޯދަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލަން އުޅުނު މައްސަލައެއްގައި ކަމަށެވެ.
ހޯދަން އިއުލާނު ކުރި ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.

ގައްބަރޭއަކީ ކުރިން މާލޭގައި މަޝްހޫރު ގޭންގު ލީޑަރެކެވެ. މާރާމާރީ ހިންގުމާއި މަރުގެ ދައުވާތައް ވެސް މީގެ ކުރިން އޭނާގެ މައްޗަށް އޮތީ އުފުލައިފަ އެވެ. ހުކުމެއްގައި ހުރެ ބޭހަށް ފޮނުވުން އިންޑިއާގައި ފިލައިގެން ވެސް އޭނާ އުޅުނެވެ.
މީގެ ކުރިން 2007 ވަނަ އަހަރު، ހ. ކުބުރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި ގައްބަރޭ ވަނީ އިއުތިރާފުވެފަ އެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.
އިޝާރު މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ގައްބަރޭގެ މައްޗަށް ދައުލަތުން އުފުލި އެވެ. ނަމަވެސް ކުޑަކުދިންގެ ކޯޓުން ނިންމީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެ މައްސަލައިގައި ހުކުމް ކުރީ 2010 ވަނަ އަހަރެވެ.













