ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ ވަގުތީ މުވައްޒަފުންނާއި ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ހޯދަން ބޭއްވި ޖޮބް ފެއާގައި ހުށަހެޅީ 389 ފޯމް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހޮނިހިރު އަދި އާދީއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޖޮބް ފެއާގައި ހުށަހަޅާފައިވާ ފޯމްތައް ބެލުމަށް ފަހު ވަޒީފާއަށް ނަގާކަން ނުވަތަ ނުނަގާކަން ދެ ދުވަހެއްގެ ތެރޭގައި އަންގާނެ ކަމަށެވެ.
"ލިބޭނެ ކަމަށް ބެލެވުނު އަދަދަށް ވުރެ ޖޮބް ފެއާގައި ލިބުނު ވަރު މަދު،" އޭނާ ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވުމަށް ގާތްގަނޑަކަށް 6000 އޮފިޝަލުން ބޭނުންވާއިރު، މިހާތަނަށް ލިބިފައިވަނީ 1،300 އޮފިޝަލުން ނެވެ.
އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ދާއިރާތައް
- ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުން
- މެނޭޖަރު
- މީޑިއާ އޮފިސަރު
- ސީނިއާ އޮފިސަރު
- ގްރެފިކްސް ޑިޒައިނަރު
- ފޮޓޯގްރާފަރު
- އޮފިސަރުން
- މަސައްކަތު މީހުން
- ސެކިއުރިޓީ އޮފިސަރުން
- ޑްރައިވަރުން
- ސަޕޯޓު އޮފިސަރުން
- ވޯޓު މަރުކަޒުގެ އޮފިޝަލުން
ވޯޓު މަރުކަޒުގެ އޮފިޝަލުންގެ ޝަރުތު
- އުމުރުން 18 އަހަރު ފުރުން
- ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހަކަށް ނުވުން
- ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ/ ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން
- މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލް މީހަކަށް ވުން
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން
ވޯޓުލާ މަރުކަޒުގެ އޮފިޝަލުން އުޖޫރަ
- ވޯޓުލާ މަރުކަޒުގެ ވެރިޔާ: 1500ރ. - (ވޯޓުލާ ދުވަހު)
- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ - 1،200ރ. (ވޯޓުލާ ދުވަހު)
- ވޯޓުލާ މަރުކަޒު އޮފިޝަލުން: 1،000ރ. (ވޯޓުލާ ދުވަހު)
- ރިޒާވް އޮފިޝަލުން: 500ރ. (ވޯޓުލާ ދުވަހު)












