ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާ ކުރާ މުވައްޒަފުންނަށް ހައްޖު ޗުއްޓީގެ އިތުރުން އުމްރާއަށް ފުރާ ނަމަ ވެސް ޗުއްޓީއެއް ދޭ ގޮތަށް ހަމަޖައްސައި މިއަދު ގަވާއިދު ގެޒެޓުކޮށްފި އެވެ.
"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" އަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އުމްރާއަށް ދާން ބޭނުންވާ ސިޔާސީ މުވައްޒަފުންނަށް 15 ދުވަހުގެ ޗުއްޓީއެއް ހައްގުވާނެ އެވެ.
ސަރުކާރުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުން ހައްޖަށް ފުރާ ނަމަވެސް 35 ދުވަހުގެ ޗުއްޓީއެއް ދޭންޖެހެ އެވެ.
ސިޔާސީ މުވައްޒަފުންނަށް އުމްރާ ޗުއްޓީ ސަރުކާރުން ހަމަޖެއްސިއިރު ސިވިލް ސާވިސް މުވައްޒަފުންނަށް އުމްރާ ޗުއްޓީއެއް ހަމަޖެހިފައެއް ނޯވެ އެވެ. ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން ފަރުޟު ހައްޖު ނޫން ހައްޖެއް އަދާ ކުރާ ނަމަ ނުވަތަ އުމްރާއަކަށް ފުރާ ނަމަ ދެވޭނީ މުސާރަ ނުލިބޭ ގޮތަށެވެ. އުމްރާ އަށް ވެސް ދެވެނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއެއް ނަގައިގެނެވެ.
"މީހަކު އަދާ ކުރާ ފުރަތަމަ ހައްޖު ފިޔަވައި އެހެން ހައްޖަކަށް ނުވަތަ އުމުރާއަށް އަހަރީ ޗުއްޓީގައި ނޫން ގޮތަކަށްދާ ނަމަ، ދެވޭނީ އެ ދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހުން ހުއްދަ ލިބިގެން،" އެ ގަވާއިދުގެ 186 ވަނަ މާއްދާގައި ބުނެފައިވެ އެވެ.















