މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައީ ކެނަބިސް ކަމަށް ފުލުހުން ތަފާސްހިސާބުން ދައްކައިފި އެވެ.
އެ އިދާރާއިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި 8.8 ކިލޯގެ ކެނަބިސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ދެން އެންމެ ގިނައިން އަތުލީ ކޮކެއިނެވެ. އޭޕްރީލްގެ ނިޔަލަށް ތިން ކިލޯގެ ހެރޮއިން ފުލުހުން އަތުލި އެވެ. ތިން ވަނައަށް އެންމެ ގިނައިން ފުލުހުން އަތުލީ ހެރޮއިންނެވެ. ދެ ކިލޯގެ ހެރޮއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
ކެނަބިސްއަކީ މަރުއާނާ ފަތެވެ. ރާއްޖޭގައި ގިނައިން ބޭނުން ކުރަނީ އޭގެ ފަތުން ނަގާ ތެލެވެ. ކޮކެއިންއަކީ ކޮކާ ފަތުން ނަގައިގެން ބޭނުން ކުރާ މަސްތުވާ އެއްޗެކެވެ. އެއީ މެދު އަދި މަތީ ފަންތީގެ މީހުންގެ މެދުގައި ދުނިޔޭގައި މަޝްހޫރު މަސްތުވާއެއްޗެކެވެ.
ފުލުހުންގެ ހިސާބުތަކަށް ބަލާއިރު މަސްތުވާތަކެތީގެ 268 މައްސަލައެއް ފުރަތަމަ އަހަރުގެ ތެރޭގައި އެ އިދާރާއިން ބެލި އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ މާލެ ސަރަހައްދުން ބެލި މައްސަލަތަކެވެ. އެ މައްސަލަތަކުގައި 331 މީހުން ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން 69 މައްސަލައެއް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 11،000 އަށްވުރެ ގިނަ މީހުން ފުލުހުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އަދަދު 700 އަށް ވުރެ ގިނަ އެވެ.












