ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ކޭޕާކް ރެސިޑެންސުން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން އެތައް ބަައެއްގެ އަތުން ފައިސާ ހޯދިކަމަށް ބެލެވޭ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ފުލުހުން މިއަދު ބަލައި ފާސްކުރަން ފަށައިފި އެވެ.
ކޭޕާކް މަޝްރޫއު ހިންގާ ހަމްބޯ ކުންފުނިން ވަނީ އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އޭނާ ރާއްޖޭން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން މިއަދު ބަލައި ފާސްކުރީ މަމްދޫހުގެ އޮފީހެކެެވެ. އެކަމާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޭޕާކް މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ކޭ-ޕާކް މަޝްރޫއު ހިންގަން ހަމްބޯޓެކް ކޮރެއާއިން އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާ އޮންނަނީ އެ ކުންފުނީގެ އެމްޑީ، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓު ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.
ހަމްބޯގެ މައި ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ މަމްދޫހާއި އޭނާގެ ވިޔަފާރި ޕާޓުނަރު ޖައިޝަން ސައީދު، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލާތުން އޮޅުވާލައިގެން އެޕާޓްމެންޓުތައްް ވިއްކައި ފައިސާ އަތުލާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެެ.














