ހަތަރު ސައިކަލެއް ޖެހި ބްރިޖު މަތީގައި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައި ހެނދުނު 7:55 ގަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ ހަތަރު ސައިކަލެއް ޖެހި ކަމަށާއި، މި އެކްސިޑެންޓުގަައި އަންހެނަކަށް އަނިޔާވެފައި ވާކަމަށެވެ.
އަނިޔާވި އަންހެން މީހާއަށް މިހާރު ސެނަހިޔާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ލިބުނު އަނިޔާގެ ތަަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ބްރިޖުގެ މެދެއްހާ ހިސާބުގަ އެވެ. އެކްސިޑެންޓު ހިނގި ވަގުތަކީ ހުޅުމާލެއިން ގިނަ ބަޔަކު މާލެއަަށް ވަޒީފާއަށް އައުމަށް ދަތުރުކުރަމުން އައި ވަގުތަކަށްވުމުން ބްރިޖުގެ ބޮޑު ސަަރަހައްދެއްގައި ޓްރެފިކު ވަނީ ހުއްޓިފަ އެވެ.

މި ފަހަކަށް އައިސް ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް ވަނީ އިތުރު ވެފަ އެވެ.












