ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށް، އެ ލިސްޓާ މެދު ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ހުޅުވައިލުމުން މިހާތަނަށް ހުށަހަޅާފައި ވަނީ 18 ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ ވެބް ސައިޓުން ކޮންމެ ރަށެއްގެ ވޯޓާސް ލިސްޓު ބަލައިލެވޭނެ އެވެ. މިގޮތަށް މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ލިސްޓެއް ފެންނަ ގޮތް ހެދީ ޝަކުވާ ހުށަހަޅަން ފުރުސަތު ދީ، ފުރިހަމަ ލިސްޓެއް އެކުލަވާލުމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "އަދަދު" ނޫހަށް ވިދާޅުވީ އެ ލިސްޓަށް ހުށަހެޅި 18 ޝަކުވާގެ ތެރެއިން ގިނަ ޝަކުވާއަކީ މަރުވެފައިވާ ކަން އެންގުމަށް ހުށަހެޅި ޝަކުވާ އެވެ.
"އެ 18 ޝަކުވާގެ ތެރެއިން 12 ޝަކުވާ އަކީ ނިޔާވެފައިވާ 12 މީހެއްގެ މައުލޫމާތު،" ހަބީބު ވިދާޅުވި އެވެ.
އަނެއް ހަ ޝަކުވާގެ ތެރޭގައި، ލިސްޓްގައިވާ ބައެއް ނަންތަކަކީ ވޯޓުލެވޭ އުމުރު ހަމަނުވާ (18 އަހަރު ނުވާ ކުދިން) ކަން އެންގުމަށް ހުށަހެޅި ޝަކުވާ އާއި ބައެއް މީހުންގެ އެޑްރެސް ފަދަ މައުލޫމާތު ރަނގަޅު ނޫންކަން އަންގަން ކުރި ޝަކުވާ އެވެ.

ހަބީބު ވިދާޅުވި ގޮތުގައި އުމުރު ހަމަނުވާ ކަމުގެ ޝަކުވާ އަކީ ބައެއް މީހުންނަށް އެރި އޮޅުމަކުން ހުށަހެޅި ޝަކުވާ އެވެ. ވޯޓާސް ލިސްޓް އާއްމުކުރިއިރު 18 އަހަރު ނުވާ ބައެއް ކުދިންނަށް، ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު 18 އަހަރު ވާނެތީ، އެކުދިންގެ ނަން ވެސް ލިސްޓްގައި ވަނީ ހިމަނައިފަ އެވެ. ބައެއް މީހުންނަށް އޮޅުން އެރީ އެހެންވެ އެވެ.
ރިޔާސީ އިންތިހާބަށް ތައްުޔާރުވުމުގެ ގޮތުން އީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އިންތިހާބުގައި މަސައްކަތްކުރާނެ އޮފިޝަލުން ހޯދަން ވެސް އެ ކޮމިޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.












