ކުޑަކުއްޖެއްގެ މޫނުމަތީގައި ފުލުހަކު ޖެހިކަން ސާބިތުވެ ޖޫރިމަނާގެ ގޮތުގައި 18،000ރ. ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލާގައި ހުކުމް އިއްވާފައި ވަނީ ލ. ހިތަދޫ / ޕޫނަމް، ނަޝީދު މުހައްމަދު ނަމަކަށް ކިޔާ ފުލުހެއްގެ މައްޗަށެވެ. ދައުވާ އުފުލާފައި ވަނީ 30 އޮގަސްޓު 2016 ވަނަ ދުވަހު ސ. ފޭދޫ އޯކިޑު މަގުގައި ހުންނަ މުލައްޑޫ ގަރާޖު ކައިރިން އަހުމަދު ސާޖީ ސައީދު އާއި އިތުރު ބަޔަކު ހިނގާފައި ދަނިކޮށް ނަޝީދު އޭނާއަށް ގޮވައިގެން ގެންގޮސް މޫނުގެ ވާތް ފަރާތުގައި ކަންކަށި މަތީގައި ޖެހުމުން ސާޖީއަށް އަނިޔާވެފައި ވާކަމަށެވެ.
މި މައްސަލާގައި ސާޖީގެ ފަރާތުން ހަމީހުންގެ ހެކިބަހާއި، މެޑިކަލް ރިޕޯޓު، ތިން ހެކިވެރިއަކު ތުހުމަތުކުރެވޭ ފަރާތް އައިޑެންޓިފައިކޮށްފައިވާ ފޮޓޯ ސެޓު ހުށަހެޅި އެވެ.
މެޑިކަލް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ސާޖިގެ މޫނު މައްޗަށް އަނިޔާއެއް ލިބިފައި ވެއެވެ. އަދި އެކަމުގެ ސަބަބުން މޫނުގެ ވާތްފަޅި ރަތްވެ ދުޅަވެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ދިފާާއުގައި ނަޝީދުގެ ފަރާތުން ހުށަހެޅީ ތިން ހެކިވެރިއެއްގެ ހެކިބަހެވެ. އެ ހެކިވެރިން ހެކިބަސް ދީފައި ވަނީ ސާޖީ ރިފްލެކްޓަރެއްގައި ޖެހުމުން ގޮސް ސާޖީގެ ކޮނޑުގައި އަތް އަޅުވާލުމަށް ފަހު މަޑުކުރުމަށް ނަޝީދު އެދުނު ކަމަށެވެ. އަދި ސާޖީގެ, އެއްވެސް ތަނެއްގައި ނަޝީދު ޖަހާފައި ނުވާ ކަމަށާއި، އެފަދަ މަންޒަރެއް ނުފެންނަކަމަށް އެ ހެކިވެރިން ހެކިބަސް ދީފައި ވެއެވެ.

މިކުށް ކުރިކަން ނަޝީދުގެ މައްޗަށް ސާބިތުވެފައި ވަނީ، ސާޖީގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހާއި، މެޑިކަލް ރިޕޯޓު ދިމާވާތީ ޝަފަހީ ހެކިންގެ ހެކިބަހާއި، ހެކީގެ ގޮތުގާ ހުށަހެޅި ލިޔެކިޔުން ދިމާވާތީ ކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ވަނީ ނިންމަވާފަ އެވެ.
މި ކުށަށް ގާނޫނުގައި ބަޔާންކޮށްފައިވާ އުގޫބާތަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެން ނަމަވެސް މި ކުށަކީ ކުޑަކުއްޖަކާ ދެކޮޅަށް ހިންގާފައިވާ ކުށެއް ކަމަށް ވާތީ ކުށުގެ ދަރަޖަ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ އިތުރުކޮށް ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް އިއްވި އެވެ.
ނަމަވެސް, ޖަލު ހުކުން ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ޝަރީއަތުގައި ނަޝީދު އެދިފައިވާތީ ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ހަލާސްކުރުމަށް އޭނާގެ މައްޗަށް ހުކުމްކުރި އެވެ.












