އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވާތީވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އީސީގެ މެމްބަރުންގެ ތެރެއިން ފަސް އަހަރުގެ ދައުރު ހަމަވަނީ އަލީ ނަޝާތެވެ. ކުރިން އީސީގެ ޑިރެކްޓަރަކަށް ހުންނެވި ނަޝާތު، ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ޖުލައި 25، 2018 ގަ އެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމާއި ލިޔުންތައް ބަލައިގަތުން އޮންނާނީ، މެއި 17 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 1:30 އަށެވެ. ފޯމް ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށެވެ.
titledesc

ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައި ވަނީ އީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑާއި ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުމާއި ވަނަވަރު ހުށަހަޅަންޖެހޭނެ ކަމަށެވެ.
ފޯމުތަކާއި އިގުރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ކޮމިޝަންގެ މެމްބަރު ކަމަށް އާ ބޭފުޅަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެވެ.












