ވެރިކަން ހިންގާ މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި ކަމުގެ ދައުވާކޮށްފައިވާ އިބްރާހިމް ފައިހް ނިޒާމް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑު އެހުމުގައި ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރީ މީގެ ކުރިން އޭނާގެ މައްްޗަށް ކޮށްފައިވާ 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދައުލަތުގެ އެދުމާއެކު މައްސަލައިގެ ބާވަތުން މުޖުތަމައުއަށް ނުރައްކާވުމުގެ އިހްތިމާލު އޮތް ކަމަށް ބަލައިފަ އެވެ.
މީގެ ކުރިން ވެސް ފުލުހަށް ހާޒިރުނުވެ، ފައިހު ފިލައިގެން އުޅެފައިވާކަން ވެސް މިއަދު މައްސަލަ ބައްލަވާ ގާޒީ ވަނީ ފާހަގަކޮށްފަ އެވެ. ކްރިމިނަލް ކޯޓުގައި އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ތާވަލުކުރި ނަމަވެސް ފައިހުގެ ވަކީލުގެ އެދުމުގެ މަތިން ގާޒީ ވަނީ އެ އަޑުއެހުން ފަސްކޮށްދެއްވއިފަ އެވެ.
މާރާމާރީގެ މައްސަލާގައި ފައިހު ހޯދުމަށް ފުލުހުން މަސައްކަތް ފެށީ ފެބްރުއަރީ 15، ގަ އެވެ. ނަމަވެސް މަސް ދުވަހުން ވެސް އޭނާ ނުހޯދި އޮއްވައި މާޗު 21، ގައި ފައިހު ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ފައިހު ހޯދުމަށް ފުލުހުން މާލޭގައި ވަރުގަދަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔައިރު އޭނާ ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މިހާރު ދޫކޮށްލާފައިވާއިރު އަނެއް ތިން މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.














