ޕެންޝަން ފަންޑުން ހައްޖަށް ދިޔުމަށް ފައިސާ ދޫކުރާނީ އެކަމަށްޓަކައި ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމުކުރާ ކުންފުނިތަކާ އެކުކަން ހާމަކޮށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ ހ. ގެ ދަށުން ގާއިމުކުރަން ޖެހޭ އެއްބަސްވުމެކެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދީފައި ވަނީ ތިން ކުންފުންޏަކަށެވެ. އެއީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ.
މި ކުންފުނިތަކުން, ފަރުޟު ހައްޖުވުމަށް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވައިދުގެ ދަށުން ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމުކުރަން ބޭނުންވާނަމަ މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން އެންގުމަށް ޕެންޝަން އޮފީހުން ވަނީ އެދިފަ އެވެ.
މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ތިން ކުންފުންޏަށް ވެސް ދިނީ 90 ކޯޓާ އެވެ. އަދި ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ އެވްރެޖްކޮށް 75،238ރ. އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދަން ގްރޫޕްތަކަށް ހުއްދަ ދިން އިރު ކަނޑައަޅާފައިވާ އަގަށް ވުރެ ދެގުނަ ބޮޑު އަގެއް ނަގަން ގްރޫޕަކުން މަސައްކަތް ކުރި ކަމުގެ ޝަކުވާ ވަނީ ފެންމަތިވެފަ އެވެ.
ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.













