ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފަށާފައިވާ ގްރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން 12 ރަށެއްގައި ކުނި މެނޭޖު ކުރާނެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މި މަޝްރޫއަކީ އއ. އާއި އދ. އާއި ވ. އާއި ކ އަތޮޅުގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ކުނި މެނޭޖް ކުރުމަށް އޭޑީބީ އާއި ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައިވާ ގޮތުން އެ މަޝްރޫއުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒު އެޅުމަށް ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަތް ލޮޓަކަށް ބަހާލެވިގެންނެވެ. ކޮންޓްރެކްޓަރު މަސައްކަތް ކުރަން ޖެހޭނީ ކާމިޔާބު ކުރާ ލޮޓުގައި ހިމެނޭ ރަށްތަކުގަ އެވެ.
ލޮޓުތައް ބެހިގެންވާ ގޮތަކީ:
- ލޮޓް 2: ކ. މާފުށި އަދި ކ. ގުރައިދޫ
- ލޮޓް 3: ވ. ތިނަދޫ އަދި ވ. ފެލިދޫ
- ލޮޓް 4: ވ. ކެޔޮދޫ އަދި ވ. ރަކީދޫ
- ލޮޓް 5: އދ. މަހިބަދޫ އަދި އދ. ހަންޔާމީދޫ
- ލޮޓް 6: އއ. ހިމަންދޫ އަދި އއ. ފެރިދޫ
- ލޮޓް 7: އއ. ތޮއްޑު
- ލޮޓް 8: ކ. ކާށިދޫ
އިއުލާނުގައިވާ ގޮތުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 500ރ. ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ.
ޕްރީބިޑް ބައްދަލުވުން ބާއްވަން ހަމަޖެހިފަވަނީ އޮންލައިންކޮށެވެ. އެހެންވެ، ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، މެއި 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖެހޭނީ އެކަމަށް އެދި އީމެއިލް ކުރާށެވެ. ބީލަން ހުޅުވުން އޮންނާނީ ޖޫން އަށް ވަނަ ދުވަހުގެ 11:00ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާކުރާ މާލަމުގަ އެވެ.

މީގެ ކުރިން ޖޫން 26، 2022ގައި ވެސް ފިނޭންސުން 15 ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒު އަޅަން އިއުލާނު ކުރި އެވެ. އެކަމަކު، އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކޮށްފައި ވަނީ ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ހިންމަފުށި ހިމެނޭ ލޮޓު އުނިކުރުމަށްފަހު އެވެ. އެ ތިން ރަށުގައި މަރުކަޒު އެޅުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމުގެ އިތުރުން ކުނި މެނޭޖްކުރަން ބޭނުންވާ މެޝީނަރީ އާއި އެހެނިހެން އާލަތްތަކާއި ކުނި އެއް ތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތައް ބަނުމާއި ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ. މާލެ އައި ތިލަފުށި ހިމެނޭހެން މި ޕްރޮޖެކްޓު ކުރިޔަށްދާ އަތޮޅުތަކުގެ މީހުން ދިރިއުޅޭ 36 ރަށެއްގައި ކުރަން ވަނީ ރާވާފަ އެވެ.
ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު ހުންނަ އައިލްސް ވެބްސައިޓުން ދައްކާ ގޮތުގައި މި މަޝްރޫއަށް 616.8 މިލިއަން ހޭދަވާނެ އެވެ.
މަޝްރޫއުގެ ބަޖެޓާއި ފަންޑިން:
- އޭޑީބީ - ހިލޭ އެހީގެ ގޮތުގައި 299.5 މިލިއަން ރުފިޔާ
- އޭޑީބީ - ލޯނުގެ ގޮތުގައި 157.7 މިލިއަން ރުފިޔާ
- އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު - ލޯނުގެ ގޮތުގައި 127.1 މިލިއަން ރުފިޔާ
- އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު - ލޯނުގެ ގޮތުގައި 47.8 މިލިއަން ރުފިޔާ
- ގްރީން ފަންޑު - 62 މިލިއަން ރުފިޔާ













