ހުޅުމާލޭގައި 2020 ވަނަ އަހަރު ޓޫރިސްޓުންތަކަަކަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތަށް ހައްޔަރުކުރުމަށް ފަހު، ދައުވާ ނުކުރެވިގެން ދޫކޮށްލި ނަމަވެސް ނުރައްކާތެރި މީހެއް ކަމަށް ބަލައި ޓެގު އެޅުވި މީހަކު މޮނިކޮން އަމުރާ ހިލާފުވުމުން ހަ މަހާއި 29 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ މޭމަހު ނެރުނު މޮނިކޮން އަމުރަކާ ހިލާފުވެގެން އެއް އަހަރު ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ ތ. ތިމަރަފުށި، ގާޑެން ހައުސް، އަހުމަދު ރިލުވާނަށެެވެ.
މޮނިކޮން އަމުރެއްގެ ދަށުން އޭނާގެ ފައިގައި ފުރަތަމަ ޓެގު އެޅުނީ 2020 ގަ އެވެ. އެހެން ނަމަވެސް, އޭނާ އަށް މިފަހަރު ހުކުމް ކުރީ މިދިޔަ އަހަރުގެ މޭމަހު، ހައިކޯޓުން ނެރުނު މޮނިކޮން އަމުރަކާ ހިލާފުވެގެންނެވެ. އެ އަމުރާ ހިލާފު، މޮނިކޮން އަމުރުގެ ދަށުން މަނާކޮށްފައިވާ ވަގުތެއްގައި ގެއިން ބޭރަށް ނުކުތް ކަމަށް އޭނާ ވަނީ ކޯޓުގައި އިއުތިރާފް ވެފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު އިއްޔެ ކުރެއްވި ހުކުމުގައިވާ ގޮތުން ރިލުވާނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރީ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ކަމަށް ވާތީ އޭނާއަށް އިއްވީ އިއުތިރާފް އެއްބަސްވުން ހެދި އިރު ދައުލަތުން އެއްބަސްވެފައިވާ ލުއި އަދަބު ދޭ ގޮތަށެވެ. އެއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ގޭބަންދުކުރުމެވެ.
ނަމަވެސް, އޭނާ ހަ މަހާއި 29 ދުވަހަށް ގޭބަންދުކުރަން ހުކުމް ކުރެއްވީ ބަންދުގައި ހޭދަކުރި މުއްދަތު ކަމަށްވާ ފަސް މަހާއި އެއް ދުވަސް އުނިކުރަން ވެސް ދައުލަތުން އެއްބަސްވެފައި އޮތުމުންނެވެ.

މޮނިކޮން އަމުރާ ހިލާފު ވެެއްޖެ ނަމަ އެންމެ ބޮޑު އަދަބަކަށް އޮންނަނީ 18 މަސް ދުވަހަށް ޖަލަށް ލުމެވެ. އަދި, ލުއި އަދަބަކަށް އޮންނަނީ 18 މަސް ދުވަހަށް ގޭބަންދުކުރުމަށެވެ.












