އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓައި އެތަނުން ފިލި މީހާގެ ވަނަވަރު އާންމުކޮށް އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފޮޓޯއާއެކު ކުރި ޓްވީޓެއްގައި ފުލުހުން ހާމަ ކުރި ގޮތުގައި ޕޮލިސް ސްޓޭޝަނުން ފިލީ އއ. ހިމަންދޫ، ދަބުގެ، ހުސައިން ޝަހުބާން، 25، އެވެ.
އޭނާ އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފިލި އިރު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އޮތީ ކުރިން އަމުރުކޮށްފަ އެވެ.
އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ފުލުހުންގެ ޓްވީޓުގައި އެދިފައިވެ އެވެ. މައުލޫމާތު ހިއްސާ ކުރުމަށް ގުޅޭނެ ނަމްބަރުތަކަކީ:
- ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394
- ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111
ފުލުހުން އިއްޔެ ބުނި ގޮތުގައި އޭނާ ފިލީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރެފައި ހުއްޓައި ފާރުމަތިން ފުންމާލައިގެންނެވެ. ސްޓޭޝަނުގެ ބައެއް ތަކެތި ގެންދިޔަ ކަމަށް ދެކެވުނު ވާހަކަތައް ފުލުހުން ދޮގުކޮށްފައިވެ އެވެ.













