އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު އެތަނުގެ ފާރުމަތިން ފުންމާލައިގެން ފިލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އުމުރުން 25 އަހަރުގެ އެ މީހާ އިއްޔެ ފިލީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރެފައި ހުއްޓައި ފާރުމަތިން ފުންމާލައިގެން ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެމީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ތަނެއް ފަޅައިލި ކަމަށް ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހައަކީ ދޮގެއް ކަމަށް ވެސް ފުލުުހުން ބުންޏެވެ.
"އަދި ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލާފައި ވަނީ ހިމަންދޫ ހުސައިން ޝަހުބާނު އެވެ.












