ހަމްބޯޓެކް ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގައި އެކުންފުނީގެ މައިނޯރިޓީ ޕާޓްނަރު ހަމްބޯ މޯލްޑިވްސްއިން މަކަރު ހެދި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް އާބަންކޯއިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
އާބަންކޯއިން ބުނީ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަމްބޯޓެކް ކޮރެއާ ކުންފުނިން ހުށަހަޅަފައިވާ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަަމަށެވެ.
ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާ އޮންނަނީ އެ ކުންފުނީގެ އެމްޑީ، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓު ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.
އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހަށް ބޮޑެތި ތުހުމަަތުތަކެއް ކޮށް ހަމްބޯޓެކް ކޮރެއާއިން ވަނީ އެ މައްސަލަ އާބަންކޯގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ފަރާތުން ފާސްކޮށް އެޕާޓްމެންޓުތައް ވިއްކުމުގެ ބާރު އެއްވެސް މީހަކަށް ދީފައި ނުވަނީސް މަމްދޫހު ވަނީ ނުއަގުގައި އޮޅުވާލައިގެން ގިނަ ބަޔަކަށް އެޕާޓްމެންޓުތައް ވިއްކައިފަ އެވެ.

ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ވެސް ވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސޮއިކޮށްފައި ހުރި އިރު، މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމަށް ބުނެ އޮޅުވާލައިގެން މަމްދޫހު ވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ހުއްޓެވެ.
ގިނަ އަދަދެއްގެ ކަސްޓަމަރުންނާ ހަވާލާދީ ހަމްބޯއިން ބުނި ގޮތުގައި ކަސްޓަމަރުންގެ ގާތު އެޕާޓްމެންޓަށް ފައިސާ ދެއްކުމަށް މަމްދޫހު އެދިފައި ވަނީ ނަގުދު ފައިސާއިންނެވެ. އަދި ފައިސާ ހޯދުމަށް ސީދާ މުއާމަލާތްކޮށްފައި ވަނީ ޖައިޝަން އާއި މަމްދޫހު ކަމަށް ވެސް ބުންޏެވެ.
ހަމްބޯ މޯލްޑިވްސްއާއެކު ހެދި އެއްބަސްވުން އުވާލައި މަމްދޫހުގެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް، މި އަހަރުގެ ފަހު ކުއާާޓާގައި ކޭޕާކު ރެޒިޑެންސްގެ މަސައްކަތް ނިންމައި އެޕާޓްމެންޓުތައް ހަވާލުކުރެވޭނެ ކަމަށް ހަމްބޯއިން ބުނެފައިވެ އެވެ.














