އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި "ސީޖީއެސް ހުރަވީ"ގެ ނަމުގައި ބޭނުންކުރަމުން އައި އުޅަނދުގެ ނަމުގައި އެ ގައުމުން ހަދިޔާ ކުރި އާ އުޅަނދު މިއަދު ހިދުމަތަށް ނެރެފި އެވެ.
އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާ ސަރުކާރުން ދިން އޮފްޝޯ ޕެޓްރޯލް ވެސަލް ކޮމިޝަންކޮށްދެއްވައި، ހިދުމަތަށް ނެރެދެއްވުމުގެ ގޮތުން އުޅަނދުގައި ނަގަން ދިވެހި ގައުމީ ދިދަ ކޮމާންޑިން އޮފިސަރަށް ހަވާލުކޮށްދެއްވާފަ އެވެ.
އޭގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި ވަނީ އޮފްޝޯ ޕެޓްރޯލް ވެސެލްގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ލޭންޑިން ކްރާފްޓު ވެސް ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ.

ހުރަވީގެ ބަދަލުގައި އިންޑިއާއިން ދިން އުޅަނދު ހިދުމަތަށް ނެރުން - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ދިފާއީ ވުޒާރާއަށް ދެ އުޅަނދެއް ހަދިޔާ ކުރެއްވުމަށާއި، ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތަކަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހުގެ ދަތުރެއްގަ އެވެ. އޭނާ ވަނީ މިއަދު ރައީސް ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފަ އެވެ.

މި ޒިޔާތަރުގައި އިންޑިއާގެ މިނިސްޓަރު ރާޖްނާތު ވިދާޅުވީ މިއަދު ހަދިޔާކުރި ދެ އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ގާބިލުކަން އިތުރު ވެގެންދާނެ ކަމަށެވެ. އަދި, ދެ ގައުމު ގުޅިގެން ކުރިމަގުގައި ވެސް ދިފާއީ ދާއިރާއިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުރަވީގެ ބަދަލުގައި އިންޑިއާއިން ދިން އުޅަނދު ހިދުމަތަށް ނެރުން - ފޮޓޯ: ރައީސް އޮފީސް
ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި, މި ސާވޭތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަންދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.
ހައިޑްރޯގްރަފީ ސާވޭއާ ބެހޭގޮތުން ކުރިއަށް ދިޔަ މަޝްވަރާގައި ރާޖްނާތް ވިދާޅުވީ އެ ސާވޭ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވާ ކަމަށާއި، އެތަކެތި އަދާހަމަ ކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.












