ކުށުގެ އަމަލުތައް ހުއްޓުވުމާއި ކުށްތަކުގެ ތަހުގީގު ހިންގުމުގައި ކުރިއެރުން ތަކެއް ހޯދިފައިވާ ކަމަށާއި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފެށުނުތާ 90 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ޖަލުސާގައި ހަމީދު ވިދާޅުވީ ނިމިގެން ދިޔަ 2022 ވަނަ އަހަރު 13،000 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ތަހުގީގުކޮށްފައި ވާއިރު، އެ ތަހުގީގުތަކުގެ ބޮޑު ބައެއް ބިނާ ވަނީ ފޮރެންސިކް ހެކީގެ މައްޗަށް ކަމަށެވެ.
އިންޓަނެޓާއެކު އުފެދިގެން އަންނަ ޒަމާނީ ކުށްކުރުމުގެ ވައްޓަފާޅިއާ ބައްދަލުވާ ރައްދެއް ދެވޭނެ މިންވަރަށް ފުލުހުންގެ ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ތަހުގީގުތައް ރަނގަޅު ކުރަން ކުރެވޭ މަސައްކަތްތަކުގެ ގޮތުގައި ހަމީދު ފާހަގަ ކުރެއްވި އެއް ކަމަކީ އިންވެސްޓިގޭޓަރުންގެ ގޮތުގައި ތިބި 573 ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ގާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދިފައިވުމެވެ. އަދި ދާދި ފަހުން އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅައިދީފައިވާ ނިޒާމާއި ފުލުހުންގެ ފޮރެންސިކް ގާބިލުކަމާއެކު، ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ކާމިޔާބުވެގެން ދާނެކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ގޭންގު ކުށްތައް ހުއްޓުވަން ކުރެވޭ މަސައްކަތްތައް ހަމީދު ފާހަގަ ކުރެއްވި އެވެ. އަހަރުގެ ފެބްރުއަރީ 24 ގައި މާލޭގައި ޒުވާނަކު މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ފިޔަވަޅު އެޅި ކަމަށާއި، ވޭތުވެ ދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ގޭންގުތަކަށް ނިސްބަތްވާ 700 މީހަކު 1،735 ފަހަރު މަގުމަތިން ހުއްޓުވައި ސުވާލުކޮށް، އަދި އެ ގުރޫޕްތައް ހަރަކާތްތެރިވެ އުޅޭ ސަރަހައްދުތަކަށް 6071 ފަހަރު ފުލުހުން ގޮސް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވާއިރު، ހަމީދު ވިދާޅުވީ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަނބުރާ ހޯދައި ދެވުނު މުދަލުގެ އަގު 18 މިލިއަން ރުފިޔާއަށް ވުރެ މަތިވެގެންދާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ބައިވެރި ފުލުހުން.
ޑިޖިޓަލް އިންގިލާބެއް
ފުލުހުންގެ ހިދުމަތް ބައްޓަންވެގެން އަންނަނީ ޒަމާނީ ޓެކްނޮލޮޖީއާއެކުގައިކަން ހަމީދު ފާހަގަ ކުރެއްވެވި އެވެ. މިހާރު މަސައްކަތް ކުރަމުން ގެންދަނީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިން އާއެކު ފުލުހުންގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ހާއްސަ ޕްރޮގްރާމެއް ގާއިމުކުރުމަށް މަސައްކަތެވެ.
"އިރާދަކުރެއްވިއްޔާ، ކައިރި މުސްތަގުބަލެއްގައި މި އީޖާދީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފްކޮށް، ފުލުހުންގެ ފަރާތުން ލިބޭ ހިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިގެންދާނެ. އާ ޓެކްނޮލޮޖީތައް ފުލުހުންގެ ހިދުމަތަށް ތައާރަފްކުރެވޭއިރު، ޓެކްނޮލޮޖީއާ ފައިހަމަ އިންސާނީ ވަސީލަތުގެ އާ ޖީލުތަކަށް މި ހިދުމަތުގައި އޮތް ފުރުސަތުތައް ވަރަށްވެސް ފުޅާ. މިއަދު، ފުލުހުންގެ އާބާދީ މިވަނީ އެތައް ހާހަކަށް ބަދަލުވެ، އެތައް ގުނައެއް އިތުރުވެފައި،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ތައާރަފްކުރި ޕޮލިސް މޮބައިލް އެޕްލިކޭޝަނަކީ ރަނގަޅު މިސާލެއް ކަމަށާއި އެ އެޕް މެދުވެރިކޮށް އަވަށްޓެރި ފުލުހުންގެ އޮފިސަރުގެ މައުލޫމާތު އޮޅުން ފިލުވާލެވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި އެ ގިނަ ހިދުމަތްތަކެއް ވެސް ލިބެ އެވެ.
މަސްތުވާތަކެތީ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލެއް ނައިސް ދިގު ދެމިގެންދާއިރު، ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ކުދިން މަސްތުވާތަކެތި އަލަށް ބޭނުންކުރަން ފަށާކަން ފާހަގަ ކުރެވޭ ކަމަށް ހަމީދު ވިދާޅުވި އެވެ. އެކަމަށް ރައްޔިތުން އެދޭ ފަދަ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތްކުރުމަށްޓަކައި ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ހާއްސަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ހިންގަމުން ދިޔަ "ޑުރަގު ކެފޭ" ތައް ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގައި އެފަދަ ތަނެއް ފުލުހުން ބަލައި ފާސްކުރަނީ. -- ފޮޓޯ: އަދަދު
ނަމަވެސް މައްސަަލައެއްގެ ކަންބޮޑުވުން ހަމީދު އިއްސާކުރެއްވެވި އެވެ. އެއީ ބަންދުކުރާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ވާއިރު، އެކަށީގެންވާ ޖާގަ އާއި ވަސީލަތްތައް ނެތުމުން، މީހުން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކެވެ، އެއީ މިއަދު ފުލުހުންގެ މަސައްކަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދަތިކަމެއްގެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދަތިކަމާ އެކުގައިވެސް މީހުން ބަންދުކޮށް ބެލެހެއްޓުމުގައި، ބަންދުކުރެވޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކާއި ހިދުމަތްތައް ވީ އެންމެ ރަނގަޅަކަށް ފޯރުކޮށްދިނުމަށްޓަކައި، ފުލުހުންގެ ކަސްޓަޑީ އޮފިސަރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން،" ހަމީދު ވިދާޅުވި އެވެ.
އިތުބާރު އެބަ ލިބޭ، ނަމަވެސް ކުރަންޖެހޭ މަސައްކަތް ގިނަ
މީގެ ކުރިން ފުލުހުން އަމަލުތައް ކޮށްފައިވާ ގޮތަށް އިޝާރަތްކޮށް މިހާރުގެ ޕޮލިސް ކޮމިޝަނަރު ކުރިން ވެސް އަދި އަލުން ހިދުމަތާ ގުޅިވަޑައިގެންނެވި ފަހުން ވެސް މައިގަނޑު ގޮތެއްގައި ދައްކަވާ އެއް ވާހަކައަކީ ފުލުހުންނަށް ރައްޔިތުންކުރާ އިތުބާރު އިތުރުކުރަންޖެހޭ ވާހަކަ އެވެ.
މި ވެރިކަމުގައި ފުލުހުންގެ ހިދުމަތަށް ގެނެވުނު ބަދަލުތަކާއި އަމަލުކުރާ ގޮތްތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ފުލުހުންނަށްކުރާ އިތުބާރު މަތިވަމުން އަންނަކަން ހަމީދު ފާހަގަ ކުރެއްވީ ކުރެވިފައިވާ ދިރާސާއަކަށް އިޝާރާތް ކުރައްވަ އެވެ.
ވޯލްޑް ވެލިއުސް ސާވޭގެ ނަމުގައި 2021 ވަނަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދެވުނު ސާވޭއެއްގައި ބައިވެރިވި 1039 މީހުންގެ ތެރެއިން 63 ޕަސެންޓު މީހުން ފާހަގަކޮށްފައިވަނީ ދިވެހި ފުލުހުންގެ މުއައްސަސާއާމެދު އޮންނަ ޔަގީންކަން ބޮޑުކަމަށެވެ. އަދި ކޮންމެވެސް މިންވަރަކަށް ޔަގީންކަން އޮތްކަމަށް 25 މީހުން ބުނެފައިވެ އެވެ.

އިދިކޮޅު ޕީޕީއެމްގެ އެއްވުމެއް ކުރިއަށް ދިޔައިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"އަޅުގަނޑު ދެކެނީ މިއީ ލިބުނު ކުރިއެރުމެއް ކަމުގައި. އެހެންނަމަވެސް، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ބޮޑަށް ލިބިފައިވާ މުއައްސަސާއަކަށް ހަދައި، އެގޮތުގައި ކުރިއަށްދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގައި ފާއިތުވި 90 އަހަރުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެވެސް ފުރިހަމަކަމާއެކު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމާތްތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީކަން ހަމީދު ދެއްވި އެވެ.
"ފުލުހުންގެ ހިދުމަތް މިހާ ހިސާބަށް އައިއިރު ހޯދިފައިވާ ކުރިއެރުންތައް ގިނަ. މި ސަރަޙައްދުގެ އެހެން ގައުމުތަކުގެ ފުލުހުންގެ ހިދުމަތްތަކާ އަޅާބަލާއިރު، ދިވެހި ފުލުހުންގެ ހިދުމަތުން މިދަނީ އެތައް ގޮތަކުން ތަރައްގީވެ، މާ ތަހުޒީބު ފަލްސަފާއަކާއި ވައްޓަފާޅިއެއްގެ މައްޗަށް މަސައްކަތްކުރަމުން. މި ކުރިއެރުމާއި ތަރައްގީއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސައްކަތެއް ކަމުގައި ހެދުމަށް އަބަދުވެސް މަސައްކަތްކުރަމުންދިޔުމަކީ މުހިންމު ކަމެއް،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު ކުރެއްވި އިލްތިމާސްއަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކުރަންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށެވެ. އަދި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން، ހިތްވަރު އެލި މާޔޫސްވާ ފަހަރު އަތުވެދާނެ ކަމަށާއި ނަމަވެސް ނުވާ މަދު ކަމަކަށްވުރެ ގިނަވާނީ ކޮށްދެވޭ ކަންކަން ކަމަށެވެ.
"އެހީ ފޯރުކޮށްނުދެވޭ މަދު ހަލަތަކަށްވުރެ ގިނަވާނީ ފޯރުކޮށްދެވޭ ހާލަތް. މީހަކު ނުވަތަ މުދާ ސަލާމަތްކޮށްނުދެވޭ މަދު ފަހަރަކަށްވުރެ ގިނަވާނީ ސަލާމަތްކޮށްދެވޭ ފަހަރު. އަނެއް ދުވަހުވެސް މި ޔުނީފޯމުގައި އަޅުގަނޑުމެން ނިކުންނަންޖެހޭ ސަބަބަކީ އެއީ. އަޅުގަނޑު ތިއިން ކޮންމެ ފުލުހެއްގެ ކިބައިން އެދެނީ، މި ޔުނީފޯމުން ރަމްޒުކޮށްދޭ ޒިންމާ ހެޔޮގޮތުގައި އަދާކުރާ ބަޔަކު ކަމުގައިވުމަށް. މި ޔުނީފޯމުން ރަމްޒުކޮށްދޭ ހިތްވަރު ދައްކުވައިދިނުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައިވުމަށް. ގާނޫނު ނަގަހައްޓާ ބަޔަކު ކަމުގައިވުމަށް. ޖަވާބުދާރީވާ ބަޔަކު ކަމުގައިވުމަށް. ރައްޔިތުންނާއި ގައުމުގެ ހިދުމަތުގައި ކޮންމެ ދުވަހަކު މި ނޫ ޔުނީފޯމުގައި ނިކުންނަން ފަހުރުވެރިވެވޭނެ ބަޔަކު ކަމުގައިވުމަށް އަބަދުމެ މަސައްކަތްކުރަމުންދިޔުމަށް،" ހަމީދު ވިދާޅުވި އެވެ. ދިވެހި ސިފައިންގެ ބައެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ގިނަ އަހަރުތަކެއް ވަންދެއް އޮތުމަށް ފަހު، މަދަނީ ބަޔަކަށް ފުލުހުން ބަދަލުކުރީ ސެޕްޓެމްބަރު 1، 2004 ގަ އެވެ. ފުލުހުންގެ ހިދުމަތުގެ ގާގޫނެއް ހަދައި އަމަލުކުރަން ފެށީ 2008 ގަ އެވެ. އެއަށް ފަހު 2021 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ފުލުހުންގެ އާ ގާނޫނަކީ "ފުލުހުންގެ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން" ކަމަށް ހަމީދު ވިދާޅުވި އެވެ.











