މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް ސަރުކާރުން ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހުއްދަ ދިނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ތިން ކުންފުންޏަށް ވެސް ދިނީ 90 ކޯޓާ އެވެ. އަދި ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ އެވްރެޖްކޮށް 75،238 ރުފިޔާގަ އެވެ.
ހުއްދަ ދިން ކުންފުނިތަކާއި އަގުތައް:
- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 75،250ރ.
- ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް - 75،465ރ.
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް - 75،000ރ.
މި ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ކުންފުނިތަކަށް ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނެގުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ ގިނަ މީހުން ހައްޖަސް ގެންދިއުމަށް ފައިސާ ނެގުމަކީ ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން މަނާ ކަމެއް ކަމަށެވެ.












