އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް އެ ރަށު ބައެއް މީހުންގެ ހަށިގަނޑުން އެކި ސާމްޕަލް ނަގާފައިވާ ކަން އެނގިއްޖެ އެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރަށުގެ ބައެއް ސަރަހައްދުތައް ބަލައިފާސްކޮށްފައިވާއިރު، ނައީމާގެ ހަށިގަނޑު ފެނުނު އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި، ހުކުރު ދުވަހު ނައީމާ ދިރިއުޅޭ ގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުނާއި، އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލްއާއި އިނގިލީގެ ނިޝާން ވެސް ވަނީ ނަގައިފަ އެވެ.
އޭގެ އިތުރަށް ނައީމާގެ އާއިލާގެ ބައެއް މީހުންގެ ހަށިގަނޑުން ވެސް ޑީއެންއޭ ސާމްޕަލްއާއި އިނގިލީގެ ނިޝާން ނަގާފައިވާ ކަން އެނގިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ހިނގަމުންދާ ތަހުގީގަކަށް ވެފައި، ރަސްމީކޮށް ފުލުހުން އަދި މާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ނައީމާގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި ކަމަށް ވެއެވެ.
އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.
އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.
ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.













