ޖަލު ބަންދުގައި ހުންނެވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުގެ މަދު ބައިވެރިންތަކެއް ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި މާލޭގައި ދުއްވާ ބަސްތަކަށް ހުރަސްއެޅުން އާންމު އުނދަގުލަކަށް ވެސް އާންމުންގެ ނުރުހުން އެ މުޒާހަރާތަކަށް އަމާޒުވެއްޖެ އެވެ.
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހިދުމަތްދޭ ބަސްތަކަށް ހުރަސްއެޅުން އާންމުވެފައިވާއިރު، ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި އެގޮތަށް ބަހަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ދިވެހި އަދި ޕީޕީއެމްގެ ދިދަ ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ބަހުގެ ކުރިމަައްޗަށް އަރާ ޝުއޫރުފާޅުކޮށްފަ އެވެ. އާންމު ގޮތެއްގައި މިހެން ހުއްޓުވާ ބަހުގެސް ސަބަބުން އާންމު ޓްރެފިކަށްވެސް އެތައް މިނެޓެއް ވަންދެން ހުރަސްއެޅެ އެވެ.
އާންމު ގޮތެއްގައި ބޮޑުތަކުރުފާނު މަގުން ރޭގަނޑު ދަތުކުރާ އާންމުން ވަނީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ ހިއްސާކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
އެގޮތުން 'މިއީ މިހާރު އާންމު އުނދަގުލެއް'، 'ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް'، 'ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް އަޅައި، މި ފަދައިން ޖެއްސުން ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް' މިފަދަ އެތައް އިބާރާތެއް އެ ޕޯސްޓުގެ ރައްދުތަކުގައި އާންމުން ލިޔެފައިވެ އެވެ.
މި ވީޑިއޯއާއި ގުޅިގެން މާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިގޮތަށް ބަހަށް ހުރަސްއެޅުމަކީ މިހާރު އާންމުކޮށް މުޒާހަރާގެ ބައިވެރިން ކުރަމުންދާ ކަމެއް ކަމަށެވެ.

"ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް އެމްޓީސީސީއަށް ވަރަށް ދަތިވޭ މިގޮތަށް އަމަލު ކުރައްވާތީ، ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސްނޭޅުމަށް އެދެން" އާޒިމް ލިޔުއްވާފައިވެ އެވެ.
ހާއްސަކޮށް ރޯދަ މަސް ކަމުން މަގުން ދަތުކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ކޮންމެ ރެއަކު ބޭރު މަގު 'ހިސޯރު' ކޮށްގެން މިގޮތަށް އިދިކޮޅުން ހިންގަމުން މިދާ މުޒާހަރާތަށް މިހާރު މިވަނީ އާންމު އުނދަގުލަކަށް ވެފައިކަން އާންމުންގެ ނުރުހުމުގެ ބަސްތަކުން ކަށަވަރުވެ އެވެ.
"ކޮންމެ ރެއަކު މަގުބަންދުކޮށްގެން ތިބެނީ، ބުރިޖަށް އަރަންދާ މީހުންގެ ކިއު އޮވޭ ކާނިވަލާ ހަމައަށް، ދެތިން ހަތަރު ބަސް ކުރިއަށް ނުދެވި އޮވޭ، ބަހުން ދަތުރުކުރާ އެތައް ސަތޭކަ ބައެއްގެ ހައްގަށް އަރައިގަނެގެން އެތާ މުޒާހަރާކުރަން ތިބެނީ" އާންމުކޮށް އެ މަގުން ދަތުކުރާ އާންމުންގެ މީހަކު "އަދަދު" އަށް ބުންޏެވެ.
މާލެއިން ބުރިޖަށް އަދި ބުރިޖުން ފައިބައިގެން މާލެ އަންނަ ގިނަ ބަޔަކު ހުރަސް ކުރާ މި ސަރަހައްދަކީ މުޒާހަރާކޮށް މިފަދައިން އާންމު މަސްލަހަތަށް ހުރަސްއެޅުމަށް ޖާގަ ދެވިގެންވާނެ ސަރަހައްދެއް ނޫންކަން، މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ހިސާބުންވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ނަމަވެސް, އަދިވެސް މި ފެންނަނީ އިދާރާތަކުންވެސް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅި، މުޒާހަރާގެ ބައިވެރިންގެ އުނދަގޫ އާންމުނަށް ސީދާވަމުންދާ މަންޒަރެވެ. ސަރުކާރަށް ފާޑުކިޔަން ކަމަށް ބުނެ ނުކުން ހައެއްކަ މީހެއްގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ކޮންމެ ރެއަކު މަގު ބަންދުވާ މަންޒަރެވެ.












