ނ. މަނަދޫ ގެއެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ، މަނަދޫ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ އެގޭގައި ދިރިއުޅެމުން ދިޔައީ އެކަނި ކަމަށެވެ.
އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 6:13 ހާއިރެވެ.
އެ ރިޕޯޓު ލިބުމުން ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެފަ އެވެ. ފުލުހުން ވަން އިރު، އެ އަންހެން މީހާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.












