މިއަހަރު މީހުން ހައްޖަށް ގެންދާން ބައެއް ކުންފުނިތަކުން ހުށަހެޅީ "ހިދުމަތަށް އެކަށީގެންނުވާ އަގުތަކެއް" ކަމަށް ވާތީވެ، އެ އިއުލާނު ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކުންފުނިތަކުގެ ބީލަންތައް ބާތިލް ކުރީ ހުށަހަޅާފައި ވަނީ ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެންނުވާ އަގުތަކަށް ވުމާއި ހައްޖު ޕްރޮޕޯސަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުސަތު ނެތުމުން ކަމަށެވެ.
"މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާތިލްކޮށް، އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދިނުން ކަމުގައި މިނިސްޓްރީން ދެކެމެވެ." އިއުލާނުގައި ބުނެފައިވެ އެވެ.
ކުރީގެ އިއުލާނުގައި ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާންޖެހޭ ވަކި އަގެއް ނެތެވެ. ނަމަވެސް އާ ޕްރޮޕޯސަލްގައި ހުށަހަޅަންޖެހޭނީ ބޮލަކަށް 75،000ރ އާއި 95،000ރ. ދެމެދުގެ އަގެކެވެ. މި ބަދަލު ފިޔަވާ ހައްޖު އުސޫލަކަށް އެހެން ބަދަލެއް ގެނެސްފައެއް ނެތެވެ.
މީގެ ކުރީ އަހަރުތަކުގައި ބީލަން ކާމިޔާބު ކުރުމަށްޓަކައި ހިދުމަތަށް އެކަށީގެން ނުވާ ދަށް އަގުތައް ބައެއް ކުންފުނިތަކުން ހުށަހަޅާފައިވެ އެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އަލުން ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ އޭޕްރީލް 13 ވަނަ ދުވަހު ހެނދުނު 10:00 ގައި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގަ އެވެ.
މިފަހަރުގެ ޕްރީބިޑް މީޓިން އޮންނާނީ މާދަމާ ހެނދުނު 10:00 ގަ އެވެ.
މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި ދީފައިވަނީ 1،000 ޖާގަ އެވެ. ނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފަ އެވެ.
ހައްޖު އުސޫލުގައި ބުނެފައިވާ ގޮތުން ރާއްޖެ އަށް ލިބޭ ކޯޓާގެ 50 ޕަސެންޓު ކަނޑަޅާނީ ހައްޖު ކޯޕަރޭޝަނަށެވެ. އަމިއްލަ ކުންފުނިތަކަށް ދޭނީ ބާކީ ބައިގެ ތެރެެއިން ސަރުކާރުން ކަނޑައަޅާ މިންވަރެކެވެ.
ހައްޖަށް މީހުން ގެންދާން ހުށަހަޅާ ކުންފުނިތަކުގެ ޝަރުތު
- ރާއްޖޭއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ އެ ހިދުމަތް ދެ އަހަރު ދީފައިވުން
- ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ޖިނާއި ކުށުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން
- ހުއްދައަށް އެދޭ ކުންފުނީގެ ބޯޑުގައި މަދަނީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތެއް ހިމެނޭނަމަ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުން
- ހައްޖުގެ ކަމަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ނުވަތަ ހައްޖުގެ ކަންތައްތަކާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ފައިސާ ދައްކަންޖެހި، އެ ފައިސާ ދައްކައިފައިނުވާ، ނުވަތަ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކުންފުންޏެއް ކަމުގައި ނުވުން
- އެއްވެސް ޓެކްސް އިދާރާއަކަށް ދައްކަންޖެހިފައި އޮތް ކުންފުންޏެއް ކަމުގައި ނުވުން












