މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.
މިއަދު ހެނދުނު 9:56 ހާއިރު އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ފްލެޓް ކައިރިންނެވެ. އެކްސިޑެންޓް ހިނގީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 59 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ވަނީ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލަދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާއިރު، ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރޭ އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޖޭއެމްސީ ސައިޓް ކައިރިންނެވެ. ދެ ސައިކަލު ޖެހި އެ އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 1:20 ހާއިރެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރާއި 56 އަހަރުގެ ދެ ފިރިހެނުންނަށެވެ.
އެ ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީީފައިވާއިރު، މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަދި އަނިޔާވި ދެ މީހުންގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.












