ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފާއިތުވި 4 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު އިސްލާމިކް މިނިސްޓަރީން ވަނީ ހާމަކޮށްފަ އެވެ. އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 1،310،160ރ. ވަނީ ލިބިފަ އެވެ.
އެގޮތުން، 1441 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، 1442 ވަނަ އަހަރު ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ ފުރަތަމަ 10 ގައި ލިބުނެވެ. އަދި، 1443 ވަނަ އަހަރު އެއް މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ފިތުރު ޒަކާތް ބަލައިގަންނަނީ ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
titledesc

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ހަ މަންސައަކުން ޒަކާތް ދެއްކޭނެ އެވެ. އޭގެ ތެރޭގައި އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަންތައް ހިމެނޭއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލުން ވެސް ޒަކާތް ދެއްކޭނެ އެވެ.
އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށްގެން، އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެ މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށް ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ރެޖިސްޓްރީ ކޮށްފައިވެ އެވެ.












