މާލެއަށް އިއްޔެ ބޯކޮށް ވާރޭ ވެހި މާފަންނުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވި އެވެ.
އިއްޔެ ހެނދުނު ގާތްގަނޑަކަށް ދެތިން ގަޑިއިރު ތެރޭގައި މާލެ އަށް 88 މިލިމީޓަރު، އަދި ހުޅުމާލެ އަށް 49 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ވެހުނު އެ ވާރޭގައި ފެންބޮޑުވީ ހަނދުވަރީ ހިނގުމުން ފެށިގެން މާފަންނަށް، އަދި އަމީނީ މަގުގެ ބޮޑު ބައެކެވެ.
ގެތަކާއި ފިހާރަތަކަށް ފެން ވަދެފައިވާއިރު، ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަންޖެހުނެވެ. އަދި މަގުމަތީގައި ބޮޑުވެފައިވާ ފެންގަނޑު ސިފައިން ނުކުމެ ޕަންޕު ބޭނުންކޮށްގެން ހިއްކި އެވެ. ފެން ވަނުމުގެ ސަބަބުން ބައެއް ގެތަކުގެ މުދަލަށް ގެއްލުން ލިބުނެވެ.
މިއަދު ހެނދުނު މާލެއަށް ބޯކޮށް ވެހުނު ވާރޭގައި މަގުތަކުގައި ފެންބޮޑުވާން ދިމާވީ ސްޓޯމް ވޯޓާ ޕަމްޕުތައް ޖެއްސުން ލަސްވުމާ ގުޅިގެން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާދަޔާ ހިލާފަށް ފެންބޮޑުވެ، އާންމުންގެ ޝަކުވާތައް ވިޑީއޯ އާއި ފޮޓޯއާއެކު ސޯޝަލް މީޑިއާއަށް އޮއްސާލާފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓިވީޓުގައި ފެންބޮޑުވުމުގެ ބަދުނާމު އެޅުވީ، މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕް ސިސްޓަމް އެމްޑަބްލިޔޫއެސްސީއަށެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފެންބޮޑުވީ ޕަމްޕް ސިސްޓަމްގެ ސްވިޖު ޖެއްސުން ލަސްވެގެން ދިޔުމުންނެވެ.
"އަދި ކިރިޔާ ޕަންޕުތައް ޖެއްސުނީ؟ މާލެ މަގު ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، އެމްޑަބްލިޔޫއެސްސީ ބުނެފައި ވަނީ ޕަމްޕް ސިސްޓަމް ފުރިހަމައަށް މަސައްކަތް ކުރާކަމަށާއި ފެންބޮޑުވާ ވަގުތު ޕަމްޕްތައް އޮޓޮމެޓިކުން "އޮން" ވާ ކަމަށެވެ.
މުހިންމު ބައެއް ހަބަރު
- ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފި އެވެ.
- ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް، "އާބަންކޯ"ގެ ނަމަށް ބަދަލުކޮށްފި އެވެ.
- އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމުން، މިހާރު ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަކިވުމުގައި ޕާޓީ ބަދުނާމުކުރުމުގެ ބަދަލުގައި ހަގީގީ ސަބަބު ހާމަކުރުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.
- އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލްކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
ޔޫތު މިނިސްޓްރީގެ މުދާ ވައްދާފައި ހުރި ގުދަނެއް، އެ މިނިސްޓްރީއަށް ނޭނގި ސިޓީ ކައުންސިލުން ހުސްކުރި މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ،
މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް، ސަރުކާރުގެ މިނިސްޓްރީއެއްގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށް އެ ތަޅު ބަދަލުކުރުން. އަދި އެއަށް ފަހު މުދާ ގެންދިޔުން،"











