ގައުމީ އެއާލައިން "މޯލްޑިވިއަން"އިން އޭޓީއާރު މަރުކާގެ އިތުރު ފްލައިޓެއް ގެނައުމަށް ތައްޔާރުވެއްޖެ އެވެ.
އޭޓީއާރު މަރުކާގެ ފްލައިޓު ފްރާންސްގެ ޓޫލޫޒްއިން ފުރާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށާއި، އޭޕްރީލް މަހުގެ ދެވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަނުން ބުނީ މި ފްލައިޓުގެ ދަތުރުތައް ރަސްމީކޮށް ފެށޭނީ ފްލައިޓު ގެންނަ މުއްދަތުން ފެށިގެން މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ. މިއީ 46 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓެއް ކަަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ދެ ފްލައިޓު ގެނެސްފަ އެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެންމެ ގިނަ މަތިންދާ ބޯޓު ގެންގުޅޭ ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުނިން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 ގެ މަތިންދާ ބޯޓުތައް ބާވުމާއި އެ މަރުކާގެ ބޯޓު އުފެއްދުން ވެސް މިހާރު ހުއްޓާލާފައި ވާތީ އެ ކުންފުނިން ވަނީ އޭޓީއާރު މަރުކާގެ ބޯޓުތަކަށް އެ ކުންފުނީގެ ފުލީޓު އެއްކޮށް ބަދަލު ކުރުމަށް އަމާޒު ހިފާފަ އެވެ.

އޭޓީއާރުގެ މަތިންދާބޯޓުތަކަކީ މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ތެލާއި މެއިންޓެނެންސް ހަރަދު ކުޑަ ބޯޓުތަކެކެވެ. އެގޮތުން އޭޓީއާރު ބޯޓުތައް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް ދިހަ ޕަސެންޓު ތެޔޮ ހަރަދު ކުޑަވާނެ ކަމަށް މީގެ ކުރިން އެ ކުންފުނިން ބުނެފައިވެ އެވެ.













