މާލޭ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ އިބްރާހިމް ފައިހް ނިޒާމް 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފައިހު، 25، ފެނުނީ އޭނާ ހޯދަމުންދާތާ އެއް މަސް ދުވަހަށްވުރެ ގިނަވެފައި އޮއްވައި އިއްޔެ އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.
ފައިހު ފިލުވައިގެން އުޅުނުކަމުގެ ތުހުމަތުގައި ވެސް ފުލުހުން ބަޔަކު ހައްޔަރު ކުރި އެވެ. އެއީ ހ. ހިލްޓަން، އާލިފް ރައުފާއި ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދާއި ތ. ގާދިއްފުށި، ސީނަރީގޭ، މުނައްވަރު އަބްދުﷲ އާއި އދ. ފެންފުށި، ފެންފިޔާޒްގޭ، މަހުދީ އައްބާހެވެ. އޭގެ އިތުރުން ވެސް އެކަކު ފުލުހުން ހައްޔަރު ކުރި އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ގޭންގު މާރާމާރީތައް އިތުރުވެފައި ވާއިރު، މިދިޔަ މަހު ވެސް މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސްފަހުން ވަނީ މަރުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިޝަނަރު، މުހައްމަދު ހަމީދު ވިދާޅުވީ އެއީ މާލޭގެ ހެންވޭރު ކޮޅުގައި ހަރަކާތްތެރިވާ 'ކުޑަހެންވޭރު' ނަމަކަށް ކިޔާ ގޭންގަކާއި މައްޗަންގޮޅީގައި ހަރަކާތްތެރިވާ 'އެންސީ' ކިޔާ ގޭންގާ ދެމެދު ހިނގި މާރާމާރީއެއް ކަމަށެވެ.













