ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހު ނިޒާމު، 25، އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ ފައިހު އަމިއްލައަށް ފުލުހަށް ހާޒިރުވުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފައިހު ފުލުހުންނާ އަމިއްލައަށް ހަވާލުވެފައިވަނީ އޭނާ ހޯދުމަށް މާލޭގައި މިއަދު ހަވީރު ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައިވަނިކޮށެވެ. މިއަދު މާލޭގެ އެކި ހިސާބުތަކުގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ އޮފިސަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.
ފައިހު ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން އޭނާ ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކުވެސް ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މިހާރު ދޫކޮށްލާފައިވާއިރު އަނެއް ތިން މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ގޭންގު މާރާމާރީތައް އިތުރުވެފައި ވާއިރު، މިދިޔަ މަހު ވެސް މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސްފަހުން ވަނީ މަރުވެފަ އެވެ.













