މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ރޭ މާލެއިން ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކީ މީގެ ކުރިން ސީރިއާ ބޯޑަރުން ހައްޔަރުކުރި މީހެއް ކަން އެނގިއްޖެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެކަކީ ތ. ގާދިއްފުށި، ސީނަރީގެ، މުނައްވަރު އަބްދުﷲ އެވެ. އޭނާއަކީ 15 ފެބްރުއަރީ 2017 ގައި ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް ގޮސް ހުއްޓައި ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރުން ހައްޔަރުކުރި މީހެކެވެ.
އެ އަހަރުގެ މެއި މަހުގެ ތެރޭގައި ދައުލަތުން ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވާން އުޅުނު ކަމުގެ ދައުވާވެސް ކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ދެން ރޭ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ. ހިލްޓަން، އާލިފު ރައޫފު، އާއި ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދު، އަދި އދ. ފެންފުށި، ފެންފިޔާޒްގެ، މަހުދީ އައްބާސް އެވެ. ފަސްވަނަ މީހާގެ ނަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މި މައްސަލާގައި މިއަދު ފުލުހުން ބުނެފައިވަނީ ރޭ ހައްޔަރުކުރި ފަސް މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް ހޯދަމުންދާ ފައިހު އަދިވެސް ފެނިފައިވާކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ފައިހު ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ގޭންގު މާރާމާރީތައް އިތުރުވެފައި ވާއިރު، މިދިޔަ މަހު ވެސް މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސްފަހުން ވަނީ މަރުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިޝަނަރު، މުހައްމަދު ހަމީދު ވިދާޅުވީ އެއީ މާލޭގެ ހެންވޭރު ކޮޅުގައި ހަރަކާތްތެރިވާ "ކުޑަހެންވޭރު" ނަމަކަށް ކިޔާ ގޭންގަކާއި މައްޗަންގޮޅީގައި ހަރަކާތްތެރިވާ "އެންސީ" ކިޔާ ގޭންގާ ދެމެދު ހިނގި މާރާމާރީއެއް ކަމަށެވެ.











