އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ވެންކަޓަރަމަނާ ޕައްލާ، 20، ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ހެންވޭރު ގެސްޓުހައުސްއެއްގެ ތެރެއިންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަހު ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުން އޭނާ ބަންދުކުރުމަށް ކުރި އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގިނަބަޔަކު ބައިވެރިވެގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިންތިޒާމުވެގެން ހިންގަމުންދާ ހިއުމަން ޓްރެފިކިންގެ އޮޕަރޭޝަނަކާ ގުޅިގެން ކަމަށެވެ. އެކަމުގައި ގިނަ ބަޔަކަށް ގެއްލުންވެފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، ހައްޔަކުރި އިންޑިއާގެ މީހާއަކީ އޭނާ ރާއްޖެއަށް ގެނައި ފަރާތަށް ފިލައިގެން އުޅޭ މީހެއްކަން ވެސް ވަނީ ކޯޓު އަމުރުގައި ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.













